ބަރަހަނާ ވީޑިއޯއެއްގެ މައްސަލާގައި ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި އިތުރު ދެމީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަން އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް" އަށް އެނގިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ފެދޫގައި ޕީޕީއެމްގެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ދެ އެކްޓިވިސްޓެކެވެ.
ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ މަރަދޫފޭދޫ "ކޮފީ ބެންޑް" އިން ނިކުތް ތަނުންނެވެ. އަދި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ފޭދޫ ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވާ ކުއްޖަކާއި، އިރުޝާދިއްޔާ ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވާ ކުއްޖަކު ވެބްކެމް މެދުވެރިކޮށް، ކޮށްފައިވާ އަހްލާގީ ގޮތުން ދަށްފެންވަރުގެ ވީޑިއޯ މައްސަލާގައި ފޭދޫ ސްކޫލްގެ 9 ދަރިވަރަކު ފުލުހުން ހައްޔަރުކޮށް ބަޔާން ވަނީ ނަގާފައެވެ. އަދި މި މައްސަލާގައި 18 އަހަރުން މަތީގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަން ވަނީ ޔަޤީންކޮށްދީފައެވެ.
ބަރަހަނާ ވީޑިއޯގެ މައްސަލަ ފުލުހުން ތަހްޤީޤު ކުރަމުން އަންނަ އިރު މި ވީޑިއޯ މައްސަލާގައި ހައްޔަރުކުރި ކުދިންނަށް ގޭންގަކަށް ނިސްބަތްވާ ބަޔަކު ބިރު ދެއްކިކަމަށް ހަބަރު ވަނީ ފެތުރިފައެވެ.
ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ ވިޑިއޯ ހުރިކަމަށް ބެލެވޭ ބައެއް ކުދިންނަށް ގޭންގަށް ނިސްބަތްވާ ބަޔަކު ވަނީ ބިރު ދައްކާފައެވެ.
އަދި އެމައްސަލަ ވެސް ފުލުހުން ބަލަމުންދާ ކަމަށް ހަބަރު ލިބެއެވެ.