Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ޖަލްސާގައި މަސައްކަތެއް ނުކުރެވި ނިންމާލައިފި

ދައުރުން ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އެއްވެސް މަސައްކަތެއް ނުކުރެވި ނިންމާލައިފި އެވެ.

ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ އެމްޑީޕީން މުހައްމަދު ނަޝީދާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެހެންވެ ކޮމިޓީތަކުގެ ނިސްބަތަށް އައި ބަދަލު އަލުން މެންބަރުންނަށް ފޮނުވައި އިސްލާހު ހުށަހަޅަން ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމައިލީ ކަމަށް އަފީފު ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު އައިސްފައިވާ މި ބަދަލާއެކު ރިޕޯޓު އަލުން މެމްބަރުންނާ ސާކިއުލޭޓު ކުރުމަށްފަހު، މި ޖަލްސާ އަނެއްކާ ކުރިއަށް ގެންދެވޭނެ." އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވި މަޖިލީހުގައި މަރުތަޅު އެޅުނީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދާއޮ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހެޅުމާ ގުޅިގެންނެވެ.

ދައުރުން ބޭރުން ޖަލްސާތައް ބާއްވަން ހުށަހެޅީ އެމްޑީޕީންނެވެ.