Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"އެނިމަލް" މިހާރު ޑިސެމްބަރު 1 އަށް

ކުރިން އަންނަ މަހު ރިލީޒްކުރަން އޮތް ރަންބީރް ކަޕޫރްގެ ފިލްމު "އެނިމަލް" ޑިސެމްބަރު 1 ގައި ގެނެސްދޭން ނިންމިކަން މިއަދު އިއުލާންކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ކުރިން ރިލީޒްކުރަން އޮތީ އަންނަ މަހުގެ 11 ގަ އެވެ. ނަމަވެސް "އެނިމަލް" ފަސްކުރީ އޭގެ މަސައްކަތް ފުރިހަމަކުރަން އިތުރު ވަގުތު ބޭނުންވާތީ އެވެ. ހާއްސަކޮށް ވީއެފްއެކްސް އެވެ. މިކަމާ ގުޅޭ ގޮތުން ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ވީޑިއޯ މެސެޖެއް ވެސް އާންމުކޮށްފައިވެ އެވެ.

"އެނިމަލް" ޑިސެމްބަރަށް ފަސްކުރި އިރު، އަންނަ މަހުގެ 11 އަށް ތާވަލުކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސަނީ ޑިއޯލްގެ "ގަދަރު 2" އާއި އަކްޝޭ ކުމާރުގެ "އޯއެމްޖީ 2" ހިމެނެ އެވެ.

ޑާކް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "އެނިމަލް" ގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، އަނިލް ކަޕޫރް، ބޮބީ ޑިއޯލް އަދި ޓްރިޕްތީ ދިމްރީ ހިމެނެ އެވެ.

ސަންދީޕްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ކަބީރް ސިންގް" އެވެ.