Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ނޫސްވެރިންނަށް ދޮގު ތުހުމަތުކުރާ ކަމަށް ބުނެފި

މޯލްޑިވްސް މީޑިއާ ކައުންސިލް ބައްދަލުވުމެއް ތެރެއިން / ފޮޓޯ: އެމްއެމްސީ

ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ އިލްޒާމު އަޅުވަމުންދާތީ އެކަމާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަނބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކައުންސިލުން މިކަމާ ގުޅުވައި ނެރުނު ނޫސް ބަޔާނުގައި ބުނީ، ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރަމުންދާ ކަމަށް އެކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި، އަނިޔާތަކާއި އިންޒާރުތަކުގެ އިތުރުން މިހާރަކަށް އައިސް ކައުންސިލަށް ލިބޭ އެންމެ ބޮޑު ޝަކުވާއަކީ، ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމު އަޅުވަމުންދާ މައްސަލަ ކަމަށެވެ.

މީޑިއާތަކުގެ ބެލިނިވެރި ފަރާތްކަމުގައިވާ މީޑިއާ ކައުންސިލުން ބުނީ، މިފަދަ ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ، މީޑީއާގެ މިނިވަންކަމަށް އެޅިގެންދާ ބޮޑު ހުރަހެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިތުރަށް ދަށަށް ގޮސްދާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ބުނިއެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރާއި އެހެނިހެން ފަރާތައް ޖަވާބުދާރީ ކުރުމަށް އޮތް މީޑިއާގެ ޒިންމާއަށް ހުރަސް އެޅޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިއާއެކު މިފަދަ އަމަލުތައް ހުއްޓާލުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

މީޑިއާ ކައުންސިލުގެ މިފަދަ ބަޔާނެއް އައިސްފައި މިވަނީ އީއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް އަމާޒުކޮށް ރައީސް އޮފީހުން ފޮނުވާ ސުވާލުތައް ކުރާ ކަމަށް އެފަރާތްތަކުން ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަމުގައި ނޫސްވެރިންނަށް އެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ލިބިފައިވާއިރު، އެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން އެކި ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެއެވެ.