މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުން 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މި ހުކުމް އިއްވީ އެ އަވަށުގެ މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ އަހުމަދު ވަރުދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ޕެޑުލްކުރުމުގެ ދައުވާ އެވެ. އެގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާތީ ވަރުދީ 25 އަހަރަށް ޖަލަށް ލުމާ އެކު، 100،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ. އަދި ކެނަބިސް ދައުވާގައި އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު 15،000ރ. ގެ ޖޫރިމަނާއެކެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ވަރުދީގެ ކޮޓަރި ފާސްކުރި އިރު، މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރުމަށް ގެންގުޅޭ ގިނަ އަދަދެއްގެ ތަކެއްޗާއި 29،000ރ. ފެނިފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ އޭނާގެ މަންމަގެ ފައިސާތަކެއް ކަމަށް ޝައްކު އުފެދިފައިވާތީ އެ ފައިސާތައް ދައުލަތަށް ނެގުމަށް އަމުރެއް ލިބިފައެއް ނުވެ އެވެ.