Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ސަވާދީއްތަ 3 ވަނަ ދަތުރު އަންނަ އަހަރު ފެބްރުއަރީގައި

ސަވާދީއްތަ ދަތުރު ފެށުމުގެ ތެރެއިން / ފޮޓޯ: ސަވާދީއްތަ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީން އިންތިޒާމު ކުރާ ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރު ފެބްރުއަރީ މަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއައިޑީސީން ބުނެފިއެވެ.

އެމްއައިޓީޑީސީން މިކަން ހާމަކޮށް ބުނެފައިވަނީ އަންނަ އަހަރު ފެބްރުރީ 10 އިން 29 އަށް މި ހަރަކާތް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްއައިޓީޑީސީން އިންތިޒާމުކޮށްގެން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޔޮޓް ރެލީގެ ދެ ދަތުރު މިހާތަނަށް ވަނީ ބާއްވާފައެވެ. އަދި މިހާރުވެސް ރެލީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޔޮޓް ރެލީގެ 3 ވަނަ އެޑިޝަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީސް، މަޓީ އަދި ޓުއަރިޒަމް މިނިސްޓްރީން ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

މި ދަތުރާއި ގުޅޭގޮތުން އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ރާއިދް ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީ އަދި މަޓީ ސަޕޯޓު ލިބުމުން މިއީ މުޅި އިންޑަސްޓްރީ ބަލައިގެންފައިވާ ހަރަކާތެއްކަން އެނގޭ ކަމަށެވެ. އަދި މިފަހަރު ދަތުރުގައި މަދުވެގެން 7 ރަށަށް ދަތުރުކުރަން ރޭވިފައިވާއިރު، ރާއްޖޭގެ އެންމެ ބޮޑު 2 ޗެނަލް ހުރަސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ 2 އަހަރު ބޭއްވި ސަވާދީއްތަ ދަތުރަށް ވުރެ މިއަންނަ އަހަރު ބޮޑު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

މިއަހަރު މާރިޗު މަހު ކުރިއަށް ގެންދިޔަ ސަވާދީއްތަ ދެވަނަ އެޑިޝަނުގައި 13 ޔޮޓެއް ބައިވެރިވިއެވެ. މިދަތުރުގައި 10 ރަށަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. ސަވާދީއްތަ އެންމެ ފުރަތަމަ ދަތުރު ބާއްވާފައިވަނީ 2021 ވަނަ އަހަރުއެވެ.