Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އުރީދޫ މަސްރޭހުގައި ބައިވެރިވާން މި ހަފުތާގެ ނިޔަލަށް

އުރީދޫ މަސް ރޭހުގެ ތެރެއިން / ފޮޓޯ: އުރީދޫ

އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފަހު ފުރުސަތު މި ހަފްތާގެ ނިޔަލަށް ހުޅުވިފައިވާ ކަމަށް އުރީދޫ އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު މަސްރޭސް ކަމަށްވާ އުރީދޫ މަސްރޭސް މިފަހަރު އެހެން އަހަރުތަކާއި ހިލާފަށް އުރީދޫން ރާއްޖޭގެ ހުރިހާ ސިޓީއެއްގައި އެއް ފަހަރާ ބާއްވާނެއެވެ. އެގޮތުން ކުޅުދުއްފުށި، މާލެ، ފުވައްމުލައް އަދި އައްޑޫސިޓީގައި ބާއްވާ މި ރޭސް އޮންނާނީ މިއަންނަ އޯގަސްޓު މަހުއެވެ. މިއީ އުރީދޫގެ 18 ވަނަ އަހަރީ ދުވަހާއި ގުޅުވައި ބާއްވާ މަސް ރޭހެކެވެ.

ރާއްޖޭގެ ސިޓީގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 8 ޖުލައި 2023 ގެ ކުރިން އުރީދޫ ވެބްސައިޓުގައި އިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ކޮންމެ ބައިވެރިއަކަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މި ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ޖުުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން ވަނަތައް ހޮވާނެއެވެ. އަދި ކޮންމެ ސިޓީއަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސޭ ދޭނީ؛

• އެއްވަނަ ޓީމް: 25،000 ރުފިޔާ
• ދެ ވަނަ ޓީމް: 10،000 ރުފިޔާ
• 3 ވަނަ ޓީމް: 5000 ރުފިޔާ
• އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
• އެންމެ މޮޅު ފިޝަރވުމަން: 1000 ރުފިޔާ

އުރީދޫ މަސް ރޭހުގެ ތެރެއިން / ފޮޓޯ: އުރީދޫ

މުބާރާތް 4 ސިޓީގައި އޯގަސްޓު މަހު ކުރިއަށް ގެންދާއިރު، އެންމެ ފުރަތަމަ ބާއްވާނީ އެ މަހުގެ 4 ވަނަ ދުވަހު މާލޭގައެވެ. އޭގެ ފަހުން 11 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ބާއްވަން ވަނީ ނިންމާފައެވެ. ރާއްޖޭގެ ދެކުނުން އައްޑޫސިޓީގައި 18 ވަނަ ދުވަހު ބާއްވާއިރު، ފުވައްމުލަކު ސިޓީގައި އޮންނާނީ 25 ވަނަ ދުވަހުއެވެ.

އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާއިރު ގިނަވެގެން 30 ޓީމު ވާދަކުރާނެ އެވެ. އުރީދޫންއިން ބުނީ 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫ މަސްރޭސް 2023 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ހުޅުވާލާފައެވެ.