Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ސައުދީ ކްލަބެއްގެ ކޯޗަކަށް ޖެރާޑް

ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބެއް ކަމަށްވާ، އަލް އިއްތިފާގްގެ ކޯޗަކަށް އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ސްޓީވެން ޖެރާޑް ހަމަޖައްސައިފި އެވެ.

ޖެރާޑް ،43، އަލް އިއްތިފާގުގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ލިވަޕޫލަށް ކުރިން ކުޅުނު ޖެރާޑް 2016 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގެ ދާއިރާ އަށް ނިކުތްއިރު އޭނާ އެންމެ ފުރަތަމަ ހަވާލުވީ ސްކޮޓްލެންޑްގެ ރޭންޖާސްއާ އެވެ. އެގޮތުން ޖެރާޑް ވަނީ ރޭންޖާސް އަށް 10 އަހަރު ފަހުން ސްކޮޓިޝް ޕްރިމިއާޝިޕް ކާމިޔާބުކޮށްދީފަ އެވެ.

ރޭންޖާސް އަށް ފަހު 2021 ވަނަ އަހަރުގެ ފަހުކޮޅު ޖެރާޑް ދެން ހަވާލުވީ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ، އެސްޓަންވިލާއާ އެވެ. ޖެރާޑްގެ އިރުޝާދުގެ ދަށުން އެސްޓަންވިލާ އިން ކުޅުނު 40 މެޗުގައި އެޓީމަށް ހޯދުނީ އެންމެ 13 މޮޅެވެ. އެއާއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެސްޓަންވިލާ އިން ވަނީ ޖެރާޑް މަގާމުން ވަކިކޮށްފަ އެވެ.

ސައުދީ ލީގަށް ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަންނަނީ ގެންނަމުންނެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑަށް ކުޅެމުން އައި ކަރީމް ބެންޒެމާ އާއި ޗެލްސީ އަށް ކުޅެމުން އައި ގޯލްކީޕަރު އެޑުއާޑް މެންޑީ އާއި ޑިފެންޑަރު ކަލިދޫ ކުލިބާލީގެ އިތުރުން މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ހިމެނެ އެވެ.