Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ނަޝީދު މާދަމާ ރޭ ޑިމޮކްރެޓްސް އަށް ސޮއި ކުރާނެ

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ ބާއްވާ އިރު، އެ ޖަލްސާގެ ތެރޭގައި އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި މުހައްމަދު ނަޝީދު ޕާޓީ އަށް ސޮއިކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި ޢިޔާސުއްދީން ސްކޫލު ހޯލުގައެވެ. މި ޖަލްސާއަށް ޕާޓީގެ މެންބަރުންނަށާއި ތާއިދު ކުރައްވާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވައިފައެވެ. މި ޖަލްސާ ވަނީ ޑިމޮރެކްޓްސްގެ ހަރަކާތެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ އިވެންޓަށެވެ. މި ޖަލްސާގައި ނަޝީދު އިތުރު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދުވެސް ޑިމޮކްރެޓްސް އަށް ސޮއިކުރައްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިދިޔަ މަހުގެ 21 ގަ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ޕާޓީން މިހާރި އަންނަނީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ އެކީ މަޝްވަރާތަކެއް ވެސް ކުރަމުންނެވެ.