ބޮލީވުޑްގެ އެކްޓަރު ކާތިކް އާރިއަން މިދިޔަ އަހަރު ސޮއިކުރި ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމުގެ ނަމަކަށް "ޗަންދޫ ޗެމްޕިއަން" ހަމަޖައްސައިފި އެވެ.
މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން 14 ގަ އެވެ. އެކަމަކު މިކަން އަދި ފިލްމުގެ ޓީމުން ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެެ. "ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަރަކީ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކާތިކްގެ "ސަތިއަޕްރޭމް ކީ ކާތާ" ގެ ވެސް ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އެވެ.
ކާތިކް ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެންނާނެ "ޗަންދޫ ޗެމްޕިއަން" އަކީ ކަބީރާ އެކީ އޭނަ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. "އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގްއާ އެކީ 2021 ގައި ގެނެސްދިން ކްރިކެޓް ފިލްމު "83" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޗަންދޫ ޗެމްޕިއަން" ގެ ބަތަލާގެ ރޯލު ކުޅޭނީ ކެޓްރީނާ ކައިފް ނުވަތަ ރަޝްމިކާ މަންދަނާ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ކެޓްރީނާ އަކީ ކަބީރްގެ ފެވަރިޓެއްކަމެވެ. އޭނަގެ "އޭކް ތަ ޓައިގާ" ގެ އިތުރުން "ނިއު ޔޯލް" އާއި "ފޭންޓަމް" ގެ ބަތަލާ އަކީ ވެސް ކެޓްރީނާ އެވެ.