ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" އިން ކެޓްރީނާ ކައިފް ވެސް ވަކިވެއްޖެ ކަމަށް ބުނެ އިއްޔެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އޭގައި ހަގީގަތެއް ނެތް ކަމަށް އީޓައިމްސް އިން ބުނެފި އެވެ.
ކެޓްރީނާގެ ގާތް ބަޔަކާ ހަވާލާދީ އެ ނޫހުން ބުނީ ފިލްމުން އޭނަ ވަކިވެއްޖެ ކަމަށް ބުނާ ވާހަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި ކެޓްރީނާ ހުރީ ފަރުހާން ސެޓަށް ގޮވައިލާނެ އިންޒާރުގައި ކަމަށް ވެސް ބުންޏެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ވެސް ފަރުހާންގެ ފިލްމު ކުންފުނި، އެކްސަލް އެންޓަޓައިންމަންޓްގެ އެއްޗެކެވެ. އެއީ މިދިޔަ އަހަރުގެ ހޮރޯ-ކޮމެޑީ "ފޯން ބޫތު" އެވެ.
މީގެ އިތުރުން ކެޓްރީނާ އަކީ ފަރުހާން ވެސް މުހިއްމު ރޯލެއް ކުޅުނި އެކްސަލްގެ 2013 ގެ ރޯޑް-ޓްރިޕް ފިލްމު "ޒިންދަގީ ނާ މިލޭގީ ދުބާރާ" ގެ އެއް ބަތަލާ އެވެ. ކެޓްރީނާ އާއި ފަރުހާނާ ދެމެދު އަބަދު ވެސް ވަރަށް ގާތް އެކުވެރިކަމެއް އޮވެ އެވެ.
ޝޫޓިން ފެށުން ވަރަށް ބޮޑަށް ލަސްވެފައި އޮތް "ޖީ ލޭ ޒަރާ" އިން ކެޓްރީނާ ވަކިވެއްޖެކަމުގެ އަޑުތަކެއް އިއްޔެ ފެތުރުނީ މީގެ ކާސްޓްގައި ހިމެނޭ ޕްރިޔަންކާ ޗޯޕްޅާ ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގައި ބިޒީކަމުން ފިލްމަށް ވަގުތު ދެވެން ނެތިގެން ވަކިވެއްޖެ ކަމަށް ބުނެ ވާހަކަ ދެކެވެމުން ދަނިކޮށެވެ.
އެކަމަކު އެކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. މިދިޔަ އަހަރު ވެސް ޕްރިޔަންކާ "ޖީ ލޭ ޒަރާ" އިން ވަކިވި ކަމަށް ބުނެ އަޑުތަކެއް ފެތުރުނެވެ. އެކަމާ ގުޅިގެން ފަހުން އެކަން ޕްރިޔަންކާ ދޮގުކޮށްފައިވެ އެވެ.
ތިން އެކުވެރިއެއްގެ ވާހަކަ އަށް ބިނާކޮށް ހަދާ "ޖީ ލޭ ޒަރާ" ގެ ކާސްޓްގައި އާލިއާ ބަޓް ވެސް ހިމެނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ޝޫޓިން ފެށުން އެކިއެކި ސަބަބުތަކާ ހެދި ލަސްވަމުންދާތީ މި ފިލްމުގެ މަސައްކަތް މި ވަގުތަށް ހުއްޓާލައި ފަރުހާން ފިލްމެއް ކުޅެން ވަގުތު ދޭން ނިންމާފައިވާ ކަމަށް މީޑިއާތަކުން މިދިޔަ މަހު ބުނެފައިވެ އެވެ. އެ ފިލްމަކީ އާމިރު ޚާން އޮފާކުރި ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" ގެ ހިންދީ ރިމޭކެވެ.