ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތުގައި މިއަދަށް ތާވަލު ކުރި އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފައިއޮތީ ހެނދުނު 09:00 އަށެވެ. ނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ މައްސަލައިގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޟާ ބަލިވެ އުޅޭތީއެވެ.
މި މައްސަލައިގައި އީދު ބަންދުގެ ކުރިން ތާވަލުކުރި ދެ އަޑުއެހުމެއްވެސް ކެންސަލް ކޮށްފައިވަނީ ކްރިކް ރިޟާ ހާޒިރު ނުވުމުންނެވެ. އަދި އީދު ބަންދަށްފަހު އާދިއްތަ ދުވަހަށް ތާވަލުކުރި އަޑުއެހުންވެސް ކުރިއަށް ނުގެންދެވި ކެންސަލް ކުރީ ކްރިކް ރިޟާ ބަލިވެ އުޅޭތީ އަޑުއެހުމަށް ހާޒިރު ނުވެވުމުންނެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމެވެ. އެގޮތުން ދައުލަތުން ހުށަހެޅި ހަ ހެއްކެއްގެ ހެކިބަސް މިހާތަނަށް ވަނީ ނަގާފައެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީޕީ އަބްދުﷲ ޒިޔަތުގެ ހެކިބަސްވެސް ނަގާފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ކުރިއަށްދާއިރު ހައިކޯޓުގައި އަންނަނީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައްވެސް ކުރިއަށްގެންދަމުންނެވެ. އެގޮތުން ބުދަ ދުވަހަށް ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައެވެ.
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކޮށްފައިވަނީ އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.