ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރޭގައި ހިމެނޭ ތަހުމީން އަހުމަދުގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ހެކިތަކެއް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލު ކޮށްފިއެވެ.
މޭ 6 ގެ ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ތަހުމީންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 2 އޮގަސްޓް 2021 ގައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަތަކުގައި ދައުވާ ކުރިއަށްދާއިރު އިބްތިދާއީ މަރުހަލާގައި ދައުލަތުންވަނީ ތަހުމީން ހުށަހަޅާފައިވާ ދެ ހެއްކެއް ބަލައިނުގަތުމަށްއެދި ހުށަހަޅާފައެވެ. އެގޮތަށް ދައުލަތުން އެދިފައިވަނީ ތަހުމީނުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް "ތަނުގައި ނެތްކަމުގެ ދިފާއު" ތަހުގީގު މަރުހަލާގައި ނުނަގާ އޮތުމުންނެވެ. ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުގެ ހުށަހެޅުމާ އެއްގޮތަށް ތަހުމީންގެ އެ ދެ ދިފާއީ ހެކިން ބަލައިނުގަތުމަށެވެ.
އެ ދެ ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމުމުން ތަހުމީންގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލައިގެ ހުކުމް ހައިކޯޓުން އިއްވާފައިވަނީ އިއްޔެއެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ތަހުގީގު ހިންގިއިރު ކުށްކުރި ސީދާ ތަނާއި ތާރީހުގެ މައުލޫމާތު ފޯރުކޮށްދީފައި ނުވާތީ، ތަހުގީގު މަރުހަލާގައި "ތަނުގައި ނެތްކަމުގެ ދިފާއު" ނެގިދާނެ ހެކި ހުރިކަމަށް ތަހުމީނަށް އެނގިފައިވާ ކަމަށް ނުބެލެވޭކަމަށެވެ.
ވަކި ތާރީހެއްގައި ކުށެއްގެ އަމަލު ހިނގިކަން ނުވަތަ އެ އަމަލު ހިނގި ތަނެއް ތަހުމީނަށް އެންގުމެއް ނެތި، އެ ތާރީހާއި ވަގުތުގައި ތަހުމީން ހުރި ތަން ތަހުގީގަށް އެންގުމަށް ލާޒިމުކުރުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ހަމަޖެހޭ ކަމެއް ކަމުގައި ނުދޭކޭ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އެހެންކަމުން ހައިކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް، ތަހުމީނުގެ ފަރާތުން ހުށަހެޅި ދެ ހެކިންނަކީ ބަލައިނުގަނެވޭނެ ހެކި ކަމުގައި ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައި ހުކުމް ކޮށްފައެވެ.
މޭ 6 ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގް އަދި މުހައްމަދު ނާޒިމްގެ މައްޗަށެވެ. ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެ ހުކުމް ކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ މައްސަލައިގައި އިއުތިރާފުވުމުންނެވެ. އަދުހަމްގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ