އައްޑޫ ގަން އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރަކު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބޯޑަށް އައްޔަންކުރީ ފޭދޫ ނޫކޮކާ ޝާތިފު އަލީ އެވެ. އޭނަ އެ މަގާމަށް ޢައްޔަން ކުރީ މިދިޔަ މަހުގެ 22 ގަ އެވެ.
ޝާތިފަކީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަސިޓީއިން މާސްޓަ އޮފް މެނޭޖްމަންޓް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ މީގެ ކުރިން އަދާކުރެއްވި މަގާމިުތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ޑީންގެ މަގާމާއި ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމު ހިމެނެ އެވެ.
އޭއައިއޭގެ ބޯޑަށް ޝާތިފު އައްޔަންކުރި އިރު މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނީގެ ބޯޑް މެމްބަރަކަށް ފޭދޫ މޫންލައިޓް ޝަޒުރާ ޝާކިރު ވެސް އައްޔަންކޮށްފައިވެ އެވެ.
އޭއައިއޭގެ މެނޭޖިން ޑިރެކްޓަރަކީ ގައިސް ނަސީރެވެ. އަދި ކުންފުނީގެ ޗެއާމަނަކީ އަޒާން އަހުމަދު ޒުހައިރެވެ.