Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މަސްވެރިންނަށް 30 ޕަސެންޓް އިތުރަށް ފައިސާ ދޫކުރި

ދިވެހި މަސްވެރިން މަސްވެރިކަމުގައި-- ފޮޓޯ: މުހައްމަދު އާޒިމް އަލީ

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު މިދިޔަ އަހަރާއި އަޅާބަލާއިރު 30 އިންސައްތަ އިތުރަށް މަސްވެރިންނަށް ފައިސާ ދޫކުރެވިފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން، މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް މިއަހަރު 659.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ އަަހަރު މިމުއްދަތުގައި ދޫކޮށްފައިވަނީ 506.9 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 30 އިންސައްތައި ކުރިއެރުމެކެވެ.

މިމުއްދަތުގައި މިފްކޯއަށް ކިރުވާފައިވާ މަހުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަހު ޖުމްލަ 39،607 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިފްކޯއަށް މިދިޔަ 2022 ވަނަ އަހަރު ފުރަތަމަ 6 މަހުގައި ކިރުވާފައިވަނީ 31،408 މެޓްރިކް ޓަނުގެ މަހެވެ. މިއާއެކު މިއަހަރު މިހާތަނަށް 26 އިންސައްތައި ކުރިއެރުމެއް ކިރުވި މަހުންވެސް ވަނީ ހޯދާފައެވެ.


އެންމެ ގިނައިން މަސް ކިރާފައިވަނީ ކޫއްޑޫއަށެވެ. ކޫއްޑޫއަށް 30،412 މެޓްރިކް ޓަން މިއަަހަރު ވަނީ ކިރުވާފައެވެ. ދެން އެންމެ ގިނައިން މަސް ކިރާފައިވަނީ ފެލިވަރަށެވެ. ފެލިވަރަށް 4،844 ޓަނުގެ މަސް ވަނީ ކިރާފައެވެ. އައްޑޫއަސް ކިރާފައިވަނީ 4351 ޓަނުގެ މަހެވެ. މިއިން ކޮންމެ ފެސިލިޓީއަކަށްވެސް މިދިޔަ އަހަރުގެ މިމުއްދަތަަށް ވުރެ އިތުރަށް މިއަހަރު ވަނީ ކިރުވާފައެވެ.

މީފްކޯގެ ކެޕޭސިޓީ އިތުރުކޮށް މިފްކޯއަށްް މަސް ގަނެވޭ މިންވަރު ދުވަހުން ދުވަހަށް އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ބޮޑު ކުރުމާއި، ފެލިވަރު ތަރައްޤީގެ މަސައްކަތަކީ ސަރުކާރުން މިހާރު މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރިއަށް ގެންދާ އެންމެ މުހިންމު ދެ މަޝްރޫޢުއެވެ.