Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ގޯތި ލިސްޓަށް 600 އެއްހާ ޝަކުވާ ހުށަހަޅައިފި

ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓަށް 600 އެއްހާ ޝަކުވާ ލިބިފައިވާ ކަން ގޯއްޗާއި ފްލެޓް ދޫކުރުމަށް އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީން ހާމަކޮށްފިއެވެ.

ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހު 15 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަމުން އެކޮމިޓީގެ ފަރާތުން ބުނެފައިވަނީ ލިސްޓާއި ގުޅިގެން މިހާތަނަށް 600 އެއްހާ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެތެރޭގައި ޝަކުވާއަށްވުރެއް ބޮޑަށް ލިބިފައިވަނީ މައުލޫމާތު ސާފުކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތައް ކަމަށެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޮއްޗަށް އެދި 15،164 ފޯމް ހުށަހެޅިއިރު އޭގެތެރޭގައި ޖޮއިންޓް އެޕްލިކޭޝަންތަކާއިއެކު 23،088 މީހަކު ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. ގެޒެޓްކޮށްފައިވާ ވަގުތީ ލިސްޓުގައިވަނީ އޭގެ ތެރެއިން 10،314 މީހަކަށް ލިބޭ ގޯއްޗެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެންމެ ލަސްވެގެން މި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.