Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ހަފީޒް ފަރުވާ އަށް އިންޑިއާ އަށް ފުރުވާލައިފި

އެކްސިޑެންޓުގައި އަނިޔާވި ހަފީޒް /ފޮޓޯ: ޤައުމީ ޔުނިވާސިޓީ

މިދިޔަ މަހު 28 ގައި މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޤައުމީ ޔުނިވާސިޓީގެ ސިނިއަރ ލެކްޗަރަރ އަލީ ހަފީޒް އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުވާލައިފިއެވެ.

ހަފީޒް އިންޑިއާއަށް ފުރުވާލާފައިވަނީ އެއާ އެމްބިއުލާންސެއް ނަގައިގެންނެވެ. އޭނާގެ ހާލު އެކްސިޑެންޓުގެ ފަހުން ސީރިއަސް ކަމަށް އާއިލާއާއި ހަވާލާދީ މީޑިއާގައި ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ އިންޑީއާ ފުރުވާލުމަށް އެހީތެރިކަމަށް އައިލާއިން ވަނީ އެދިފައެވެ. އެގޮތުން 42،500 ޑޮލަރު އެއާ އެމްބިއުލާންސެއް ހޯދަން ބޭނުންވިއެވެ.

އެފައިސާ އާންމުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއި އެކު، އެއް ދުވަހުގެ ތެރޭ ވަނީ ހަމަޖެހިފައެވެ. މިއާއެކު މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އިންޑީއާއަށް އިތުރު ފަރުވާއަށް ފުރުވާލާފައެވެ. އޭނާ ފުރުވާލުމުގެ ކުރިން އެނާ ދިޔައީ އޭޑިކޭގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އެއެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިން 22 އަހަރު ޒުވާނާ ފުލުހުން ވަނީ އީއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރުން ލަސްވީ، އެކްސިޑެންޓުގައި އޭނާއަށްވެސް އަނިޔާ ލިބުމާއި ގުޅިގެން ފަރުވާ ދެމުން ދިއުމުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަލީ ހަފީޒް އަކީ ޤައުމީ ޔުނިވާސިޓީގެ ސިނިއާ ލެކްޗަރ އެކެވެ. އޭނާ އަކީ 18 އަހަރު ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވާ ފައިވާ ޚިދުމަތްތެރިއެކެވެ. އޭނާ އެކްސިޑެންޓުގައި އަނިޔާވީ ފަތިސް ނަމާދަށް ފަހު މިސްކިތުން ފައިބައިގެން ދަނިކޮށް އައި ސައިކަލެއްގައި ޖެހިގެންނެވެ.