މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ކޮލެޖަކަށް ބަދަލުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ އެތަނަށް ކޮލެޖެއްގެ ދަރަޖަ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށަހެޅި އެޕްލިކޭޝަން ދިރާސާކުރުމަށް ފަހު، ކޮލެޖެއްގައި ހުންނަން ޖެހޭ ޝަރުޠުތައް ފުރިހަމަވެފައިވާތީ، މިއަދު އެމްއައިޓީ ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް، ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، އެ މަރުކަޒެއް އިންސްޓިޓިއުޓެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރު ވެފައިވުމާއެކު، އެ މަރުކަޒެއްގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޕްރޮގްރާމްތައް މެދުކެނޑުމެއް ނެތި ފަސް އަހަރުވަންދެން ހިންގާފައިވާ ނަމަ ކަމަށެވެ.
މަތީ ތަޢުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓެއްގެ ގޮތުގައި އެތަން ހިންގަމުން އަންނަނީ ޖުލައި 12، 2005 އިން ފެށިގެންނެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް މަތީ ހަރުފަތްތަކަށް ގެންދިއުމަށް މަސައްކަތްކުރުމަކީ އެ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޒިންމާއެއެއް ކަމަށެވެ. އެހެންވެ ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ގެޒެޓްކޮށް އެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ތަންފީޒުކުރުމާއި މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުންޏެވެ.