ނިމިގެން ދިޔަ ރަމަޟާން މަހު މީދޫގައި ބޭއްވި އަލްމަރްހޫމު މުހައްމަދު ޖަމާލްގެ ހަނދާނީ 5 ވަނަ ގުރުއާން މުބާރާތުން ހުރިހާ ގޮތަކަށް އެންމެ މޮޅު ދަރިވަރަކަށް ޝަމްސުއްދީން ސްކޫލްގެ ދަރިވަރު މަރިޔަމް ޠިބްނާ ނަސީރު ހޮވިއްޖެއެވެ.
ރޭ މީދޫ އިޖްތިމާއީ މަރުކަޒުގެ ހޯލްގައި ބޭއްވި އިނާމް ދިނުމުގެ ހަފްލާގައި މިމުބާރާތުގެ އެކި އުމުރު ފުރާތަކުން އެއްވަނަ ދެވަނަ ތިންވަނަ ހޯދި ދަރިވަރުންނަށާ އަމިއްލަ ގޮތުން މިމުބާރާތުގައި ބައިވެރިވެ ވަނަތައް ހޯދި ފަރާތްތަކުގެ އިތުރަށް ސްކޫލްތަކުގެ ބައިންނާއި ގުރުއާން ކްލާސްތަކުގެ ބައިން އެއްވަނަ ދެވަނަ ތިންވަނަ ހޮވާ ޖުމްލަ 97 ފަރާތަކަށް އިނާމު ދީފައިވެއެވެ.
މިމުބާރާތުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ތިބުނާ ނަސީރު ހޮވިފައިވާއިރު ހުރިހާގޮތަކުން ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ސ. އަތޮޅުމަދަރުސާގެ އިބްރާހިމް ހައްމާދެވެ. އަދި މިމުބާރުން ހުރިހާގޮތަކުން އެންމެ މޮޅު ތިންވަނަ ދަރިވަކަށް ހޮވިފައިވަނީ ސ. އަތޮޅުމަދަރުސާގެ ފާތުމަތު ނަދާއެވެ.
މިމުބާރާތުގެ ސްކޫލްތަކުގެ ބައިން އެއްވަނަ ސްކޫލަކަށް ޝަމްސުއްދީން ސްކޫލް ހޮވިފައިވާއިރު 2 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ހުޅުދޫ ސްކޫލެވެ. ތިންވަނަ ސްކޫލަކަށް ހޮވިފައިވަނީ އަތޮޅު މަދަރުސާއެވެ.
ގުރުއާން ކްލާސްތަކުގެ ބައިން 1 ވަނަ ލިބިފައިވަނީ މަސާއުލްބަރުދު ގުރުއާން ކްލާހަށެވެ. ދެވަނަ ލިބިފައިވަނީ ޝަމްސުއްދީން ސެންޓަރ ގުރުއާން ކްލާހަށެވެ.
ރޭ މީދޫ އިޖްތިމާއީ މަރުކަޒުގައި ބޭއްވުނު މިމުބާރާތުގެ ނަތިޖާ ފާޅުކޮށް އިނާމު ދިނުމުގެ ޖަލްސާގައި މިމުބާރާތުން އެކިވަނަތައް ހޯއްދެވި ފަރާތްތަކާ އިނާމު ހަވާލްކޮށްފައިވަނީ ހުޅުމީދޫގެ އެކި މުވައްސަސާތަކުގެ އިސްވެރީންނާއި އަލްމަރުހޫމް މުހައްމަދު ޖަމާލްގެ އާއިލާގެ ފަރާތުން އަހުމަދު ޖަމާލެވެ.
އަލްމަރުހޫމް މުހައްމަދު ޖަމާލުގެ ހަނދާނުގައި ބާއްވަމުންއަންނަ ގުރުއާން މުބާރާތް ބާއްވަން ފެށިއިރު އެއާއިލާގެ ފަރާތުން މުބާރާތް އިންތިޒާމްކޮށްގެން ބޭއްވިކަމުގައި ވިޔަސް މިމުބާރާތް ބޭއްވުމުގެ ހުރިހާ އިންތިޒާމެއްކޮށް މުބާރާތް ބޭއްވުން އެއާއިލާން މިހާރު ހަވާލްކޮށްފައިވަނީ މީދޫ ޝަމްސުއްދީން ސެންޓަރ ގުރުއާން ކްލާހަށެވެ.