Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ދޫކޮށްލި "އިންޝާﷲ" ސަލްމާން ބޭނުންވެއްޖެ

ދެހާސް ނަވާރައިގެ ތެރޭގައި ޝޫޓިން ވެސް ފަށާފައި ވަނިކޮށް ސަލްމާން ޚާން ވަކިވި، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ "އިންޝާﷲ" އަލުން ހަދަން ސަލްމާމް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ސަލްމާން މި ފަހުން ކުޅުނު ފިލްމުތަކުގެ ވިޔަފާރި ވަރަށް ދަށްކޮށް ގޮސްފައިވާތީ އޭނަގެ ކެރިއަރުގެ އަލުން ކޮޅަށް ޖަހަން ބަންސާލީއާ އެކީ މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ ސަލްމާން މިހާރު ބޭނުން ވަނީ އެކްޝަން ޖޯންރާގެ ފިލްމުތައް އެއް ފަރާތްކޮށްފައި ތަންކޮޅެއް ޖަޒުބާތީ ކެރެކްޓާތަކެއް ކުޅެން ލިބޭ ކަހަލަ އަދި އޭނަ މީގެ ކުރިން ކުޅެފައި ނުވާ ކަހަލަ ކެރެކްޓާތަކަށް އިސްކަންދޭށެވެ.

އެގޮތުން "އިންޝާﷲ" އަކީ ސަލްމާންގެ ކެރިއަރު މިހާރު އޮތް ހާލަތަށް ބަލާ އިރު، އޭނަ ކުޅެން ވަރަށް އެކަށީގެންވާ ފިލްމެއް ކަމަށް ގަބޫލުކުރެވޭތީ، ބަންސާލީއާ ބައްދަލުކޮށް އެ ހަދަން އެދިފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އާލިއާ ބަޓް ބަަތަލާގެ ރޯލަށް ނަގައިގެން މަސައްކަތް ފެށި "އިންޝާﷲ" އަކީ އެމެރިކާގައި އުޅޭ އިންޑިއާގެ ނުފޫޒު ގަދަ ދުވަސްވީ ވިޔަފާވެރިއަކާއި އިންޑިއާގެ ޒުވާން ބަތަލާއެއްގެ ގުޅުމެއްގެ މައްޗަށް ބަންސާލީ ހަދަން ފެށި ފިލްމެކެވެ.

އެކަމަކު މީގެ ޝޫޓިން ފެށިތަނާ ސަލްމާން ވަނީ އަމިއްލަ ސަބަބުތަކަކާ ހެދި ފިލްމުން ވަކިވި އެވެ. އެއާ އެކީ "އިންޝާﷲ" ހުއްޓައިލުމަށް ފަހު، އާލިއާއާ އެކީ ބަންސާލީ ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.

"އިންޝާﷲ" އަލުން ހަދަން ސަލްމާން އެދުނު އިރު، ބަންސާލީ ދެން ޑައިރެކްޓްކުރާ ގޮތަށް "ބައިޖޫ ބަވްރާ" އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓުންނަކީ އާލިއާ އާއި ރަންވީރު ސިންގް އެވެ. އަދި މީގެ ޝޫޓިން ފަށާނީ ބަންސާލީ މިހާރު ނެޓްފްލިކްސްއާ ގުޅިގެން ހަދާ ވެބް ސީރީޒް "ހީރާމަންޑީ" ގެ މަސައްކަތް ނިންމައިލުމަށް ފަހު އެވެ.

ކެރިއަރު އަލުން ރަނގަޅު މިސްރާބަކަށް ގެންދަން ބަންސާލީގެ އެހީ ހޯދަން ސަލްމާން މަސައްކަތް ފެށި އިރު، އޭނަގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ ވެސް ބަންސާލީގެ ފިލްމެކެވެ. ސަލްމާނާއި ބަންސާލީ އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 2007 ގެ "ސާވަރިޔާ" އާއި 1996 ގެ "ހާމޯޝީ: ދަ މިއުޒިކަލް" ހިމެނެ އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އެެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރުގައި ގެނެސްދޭ "ޓައިގާ 3" އެވެ.