މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް ރޭގަނޑު 9:00 އާއި ހަމައަށް ދިނުމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސެއިން، ހަނަފީ ނިންމައިފިއެވެ.
އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިމިގްރޭޝަން ޙިދުމަތް ދެމުން އަންނަ ގަޑި މިވަނީ އިތުރުކޮށްފައެވެ. އެގޮތުން މުވައްޒަފުން ޝިފްޓް ޑިއުޓީއަށްލައި، ދެ ދަންފަޅިއަށް ބަހައިގެން ރަސްމީ ދުވަސްތަކުގައި ދެމުން އައި ޚިދުމަތުގެ ވަގުތު މިވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން އިމިގްރޭޝަން ޚިދުމަތް ދެމުން އައި ހެނދުނު 8:00 އިން މެނދުރު ފަހު 2:00 އާއި ހަމައަށް ރަސްމީ ދުވަސް ތަކުގައެވެ.
މިކަމާއި ގުޅޭ ގޮތުން އިމިގްރޭޝަން ކޮންޓްރޯލަރ ހަނަފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާއިން ފެށިގެން ޕާސްޕޯޓު ޚިދުމަތް ރޭގަނޑު 9 ޖެހުމާއި ހަމައަށް ދޭން ނިންމާފައިވާ ކަމަށެވެ. މި ބަދަލުތަކަކީ ރައްޔިތުން އެދޭފަދަ، ލުއި ފަސޭހަ އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު ބަދަލުތަކެއް ކަމަށް ހަނަފީ ވިދާޅުވިއެވެ.
ރައީސް @ibusolih އިސްވެ ހުންނަވައި، އަޅުގަނޑުމެން ކެނޑިނޭޅި މި ކުރާ މަސައްކަތަކީ، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން. އެގޮތުން 5 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓު ޚިދުމަތް އެއްކޮށް ޑިގިޓަލައިޒްކޮށް، ޕާސްޕޯޓު ޚިދުމަތްދޭ ވަގުތު ރޭގަނޑު 9 އަކާއި ހަމައަށް… pic.twitter.com/Ab9Jn2KTLd
— Mohamed (Hanafy) 🇲🇻 (@hanafymv) July 4, 2023
އިމިގްރޭޝަން ޚިދުމަތް މީގެ ކުރިން ދެމުން އައީ ދުވާލެއްގެ މައްޗަށް 100 ނަންބަރު ދޫކުރާ ގޮތަށް ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ. ނަމަވެސް މިހާރު ޚިދުމަތް އިމުގަ ޕޯޓަލް މެދުވެރިކޮށް 2019 އިން ފެށިގެން ޑިޖިޓަލައިޒް ކޮށްފައިވާއިރު، ޕާސްޕޯޓަށް އެދޭ ފޯމަށްވެސް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން ފޯމް ޑައުންލޯޑު ކޮށް ސޮއިކޮށް ސްކޭން ކޮށްފައި ޕޯޓަލް އަށް އަޕްލޯޑު ކުރަން ޖެހޭއިރު، މިހާރު ފޯނުން ޕާސްޕޯޓަސް އެދެވޭ ގޮތް ވަނީ ހަދާފައެވެ.
މި ބަދަލުތައް މާދަމާއިން ފެށިގެން އިމިގްރޭޝަންގެ އިމުގެ ޕޯޓަލްއިން އާންމުންނަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅޫ ކުރެވި ޕާސްޕޯޓު ޚިދުމަތް ދޭ ވަގުތު ބޮޑު ތަނުން އިތުރު ކުރެވި ޕާސްޕޯޓު ޕްރޮސެސް ކުރުމަށް ހޭދަވާ ވަގުތު މަދުވެ، ރައްޔިތުން ބޭނުންވާ ފަދަ އަވަސް ޚިދުމަތެއް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.