Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

އެމްޑީޕީގެ ޖަލްސާއަށް ހުރަސް އެޅި ހަތަރު މީހަކު ހައްޔަރުކޮށްފި

ޖަލްސާއަށް ވަދެ ހަމަ ނުޖެހުން އުފައްދަން މަސައްކަތް ކުރި މީހަކު ފުލުހުން ގެންދަނީ: ފޮޓޯ: އައްޑޫލައިވް

ފޭދޫގައި މިހާރު ކުރިއްދާ އެމްޑީޕީގެ ޖަލްސާއަށް ވަދެ ހަމަ ނުޖެހުން އުފައްދަން މަސައްކަތް ކުރި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

އެމްޑީޕީގެ ޖަލްސާ ކަވަރު ކުރުމުންދާ "އައްޑޫލައިވް"ގެ ނޫސްވެރިއާ ބުނީ މާސްކު އަޅައިގެން ލަކުޑި ބުރި އާއި ގާބުރި ހިފައިގެން އައި ބަޔަކު ޖަލްސާ ހިނގަމުން ދިޔަ ސަރަހައްދަށް ވަދެ ހަމަ ނުޖެހުން އުފައްދާފައިވާ ކަމަށެވެ.

ހިތަދޫ އާއި ވީކޮޅުން ޖަލްސާގެ ތެރެއަށް ވަދެގަންނަން މަސައްކަތް ކުރި މީހުން ތެރެއިން ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ. އެމީހުން ގާ އުކުމަށް ފަހު ލަކުޑި ބުރިތަކާއި އެކު ވަދެ ރާއްޖެ ޓީވީގެ ސާމާންތަކަށް ގެއްލުންދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގައި ތިބި އެމްޑީޕީ ސަޕޯޓަރުންނާއި ފުލުހުން ގުޅިގެން ވަނީ އެބަޔަކު ހައްޔަރުކޮށްފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީގެ ޗެއާޕާސަން އަލީ ވަހީދުގެ އިތުރުން އެމްޑީޕީގެ ލިޑާޝިޕްގެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާގެ ތެރެއަށް ވަދެގަނެ ހަމަ ނުޖެހުން އުފައްދާފައިވަނީ ހިތަދޫއަށް ނިސްބަތްވާ ބަޔެކެވެ.

ޖަލްސާގެތެރެއަށް ވަދެ ހަމަނުޖެހުން އުފެއްދުމުން ކުޑަވަގުތުކޮޅަކަށް ޖަލްސާ މެދު ކެނޑުނު ނަމަވެސް ފަހުން ވަނީ ޖަލްސާ ކުރިއަށް ގެންގޮސްފައެވެ.