Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ފިރްމީނޯ ވެސް ސައުދީ ލީގަށް

ލިވަޕޫލަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް، ރޮބާޓޯ ފިރްމީނޯ ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބެއް ކަމަށްވާ އަލް އަހްލީ އަށް ސޮއިކޮށްފި އެވެ.

ފިރްމީނޯ ،31، ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބް ދޫކޮށްލާފައިވާއިރު އޭނާ އަލް އަހްލީ އަށް ސޮއިކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އަލް އަހްލީން ވަނީ ފިރްމީނޯގެ އިތުރުން ޗެލްސީގެ ސެނެގާލް ގޯލްކީޕަރު އެޑުއާޑް މެންޑީ ވެސް އެ ކްލަބަށް ގެންގޮސްފަ އެވެ.

ފިރްމީނޯ ލިވަޕޫލާއި ގުޅުނީ 2015 ވަނަ އަހަރު ޖަރުމަނުގެ ހޮފެންހެއިމުންނެވެ. ލިވަޕޫލަށް ކުޅެދިން 362 މެޗުގައި 111 ގޯލު ކާމިޔާބުކޮށް އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ.

ސައުދީ ލީގަށް ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަންނަނީ ގެންނަމުންނެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑަށް ކުޅެމުން އައި ކަރީމް ބެންޒެމާ އާއި ޗެލްސީ އަށް ކުޅެމުން އައި ޑިފެންޑަރު ކަލިދޫ ކުލިބާލީގެ އިތުރުން މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ހިމެނެ އެވެ. އަދި ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ، އަލް އިއްތިފާގްގެ ކޯޗަކަށް އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ސްޓީވެން ޖެރާޑް ވަނީ ހަމަޖައްސާފަ އެވެ.