އެންމެ ފަހުން ބޭއްވި ޕީޕީއެމް/ޕީއެންސީ އަދި ޑޮމޮކްރެޓްސް މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނަށް ތުހުމަތުތަކެއްކޮށް ފާޑު ވިދާޅުވުމަށް ފަހު އެކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު މަޢާފަށް އެދެފިއެވެ.
ޢަމްރު މަޢާފަށް އެދި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެދުވަހު ވާހަކަ ގެންދެވުނު ގޮތުން ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ. އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް ތަމްސީލު ކުރަމުން ދެއްކި ވާހަކައާއި ގުޅިގެން އަމްރު ވަނީ އެ މޭރުމުން ވާހަކަ ގެންދެވުނު ކަމަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ބުނެފައެވެ. އަދި އޭނާގެ ވާހަކަ އެގޮތަށް ބައްޓަން ކުރެއްވި ސަބަބު ތަފްސީލު ކޮށްދެއްވިއެވެ.
بسم الله الرحمن الرحيم pic.twitter.com/VyuATNboq6
— Amr 🎈 (@HusenAmr) July 4, 2023
އަމްރު ވިދާޅުވީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި މިނިވަން ނޫސްވެރިކަމެއް އޮންނަން ޖެހޭ ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަން ކުރުމަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލުން ޤާނޫނީ ބާރު ލިބިގެން ފައިސާ ލިބޭ ގޮތް ވުމުން އޭރަކު އޮންނަ ސަރުކާރެއް ރުއްސަން ނުޖެހި މިނިވަން ކަމާއި އެކު މަސައްކަތް ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
އަދި މިކަމަށް ބާރު އެޅުމަށް ޑިމޮކްރެޓްސްއިން އެކުލަވާލާ މެނިފެސްޓޯގައި ހިމެނުމަށް ބާރުއަޅާނެ ކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންގެ އަދަދު އިތުރުވެގެން ދާނެކަން ޤަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރާއި ރައްޔިތުންގެ ފައިސާ ބޭނުން ކުރުމުގައި ޒިންމާދާރުވެގެން ދާނެ އުސޫލެއް ގޮތުގައި އަމްރު ސިފަ ކުރެއްވިއެވެ.
ނޫސްވެރިންނަށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރާތީ މީޑިއާ ކައުންސިލުންވެސް ވަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލާފައެވެ. އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ އެފަދަ ތުހުމަތު ކުރާ ފަރާތްތަކުގެ ނޫސްވެރިންގެ ބައްދަލުވުންތައް ބޯއިކޮޓް ކުރުމަށް ހިއްވަރުވެސް ދީފައެވެ.