ޝާހްރުކް ޚާނާއި އޭނަގެ އަންހެން ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރުގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އަދި ނަން ހާމަނުކުރާ މި އެކްޝަން ތުރިލާ އަށް ޑައިރެކްޓަރު ސުޖޯއި ގޯޝް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މި ފިލްމު ވާނީ އޭނަ ޑައިރެކްޓްކުރާ ފިލްމެއް ޝާހްރުކް ކުޅޭ ފުރަތަމަ ފަހަރަށެވެ. "ކަހާނީ" ގެ ދެ ފިލްމު ގެނެސްދިން ސުޖޯއި އަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ 2019 ގެ ފިލްމު "ބަދުލާ" ގެ ޑައިރެކްޓަރެވެ.
އޭނަ ޝާހްރުކާ އެކީ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރީތައް ވަމުން އަންނަ އިރު، ކަރީނާ ކަޕޫރާ އެކީ ތުރިލާއެއްގެ މަސައްކަތް އޮތީ ނިންމައިފަ އެވެ. އެކަމަކު ނެޓްފްލިކްސްއާ ގުޅިގެން ހަދާފައިވާ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޝާހްރުކާއި ސުހާނާގެ ފިލްމުގެ ޝޫޓިން އޮކްޓޯބަރުގައި ފަށައި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމައިލާނެ އެވެ. އަދި މީގެ މަންޒަރުތައް އިންޑިއާގެ އިތުރުން އެ ގައުމުން ބޭރުގައި ވެސް ނަގާނެ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ފިލްމު ސިނަމާތަކަށް ވެސް ގެނައުމެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ރެޑް ޗިލީޒް އާއި ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނި، މާފްލިކްސް ޕިކްޗާސް ގުޅިގެންނެވެ.
ދަރިފުޅާ އެކީ ޝާހްރުކް ފިލްމެއް ކުޅޭ އިރު، ސުހާނާގެ ފުރަތަމަ ފިލްމަކީ ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ "ދަ އާޗީސް" އެވެ. ޝާހްރުކްގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރު 7 އަށް ތާވަލުކޮށްފައި އޮތް "ޖަވާން" އެވެ.