ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަންގެ އަމިއްލަ ފިލްމު ކުންފުނި އިއުލާންކޮށްފި އެވެ.
އޭނަ ފިލްމު ޕްރޮޑިއުސްކުރަން ތައްޔާރުވަމުން އަންނަ ވާހަކަ މީޑިއާތަކުން މިދިޔަ މަހު ރިޕޯޓްކޮށްފައި ވަނިކޮށް، ރޭ ސޯޝަލް މީޑިއާފައި ކްރިތީ ވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ނަން އިއުލާންކޮށްފަ އެވެ. އޭގެ ނަމަކީ "ބްލޫ ބަޓަފްލައި ފިލްމްސް" އެވެ. މީގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް 32 އަހަރުގެ ބަތަލާ ބުނީ ފިލްމީ ދާއިރާ އަށް ނުކުތްތާ މިހާރު ނުވަ އަހަރުވީ ކަމަށާއި މަޑުމަޑުން ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް އަނެއްކާ ވެސް މި ދާއިރާގެ ތެރެއިން އާ ދަތުރެއް ފަށަނީ ކަމަށެވެ.
ކްރިތީ ބުނީ ފިލްމީ މަސައްކަތް އޭނަ ކުރަނީ ވަރަށް ލޯބިން ކަމަށާއި އަމިއްލަ ޕްރޮޑަކްޝަން ހައުސްއާ އެކީ އޭގެ މަސައްކަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ. "ބްލޫ ބަޓަފްލައި ފިލްމްސް" އިއުލާންކޮށް އޭނަ ބުނީ މިއަދު އަނެއްކާ ވެސް ފޭނުންނަށް އުފާވެރި ޚަބަރެއް ދޭނެ ކަމަށެވެ.
ބެލެވޭ ގޮތުން އެ ޚަބަރަކީ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ހަދާ ފުރަތަމަ ފިލްމު އިއުލާންކުރުމެވެ.
މިދިިޔަ މަހު ރިލީޒްކުރި "އާދިޕުރުޝް" އާއި ފެބްރުއަރީގައި ރިލީޒްކުރި "ޝެހެޒާދާ" ގެ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އާއި ޝާހިދު ކަޕޫރާ އެކީ ކުޅެފައިވާ ފިލްމަކާއި ކަރީނާ އާއި ތައްބޫއާ އެކީ ކުޅެފައިވާ "ދަ ކްރޫ" ހިމެނެ އެވެ. ކްރިތީ ބޮލީވުޑަށް ނުކުތީ ޓައިގާއާ އެކީ ކުޅުނު 2014 ގެ "ހީރޯޕަންތީ" އިންނެވެ.
އޭގެ ފަހުން އޭނަ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދިލްވާލޭ"، "ލުކާ ޗުއްޕީ"، "ބެރިލީ ކީ ބަރްފީ"، "މިމީ" އަދި "ބޭޅިޔާ" ހިމެނެ އެވެ.
ބޮލީވުޑްގެ ބަތަލާއިންހެ ތެރެއިން އަމިއްލަ ޕްރޮޑަކްޝަން ހައުސްތައް ހަދާފައިވާ ތަރިންގެ ތެރޭގައި މަދޫރީ ޑިކްސިޓް، ދީޕިކާ ޕަދްކޯން އަދި އާލިއާ ބަޓް ހިމެނެ އެވެ.