Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

އެމްޑީޕީ ހިތަދޫ އޮފީހުގައި ރޯކޮށްލައިފި

އެމްޑީޕީގެ ހިތަދޫ އޮފީހުގައި ބަޔަކު ރޯކޮށްލައިފިއެވެ.

މިރޭ 11:30 ހާއިރު ހިތަދޫ ދެކުނު ދާއިރާގައި ހުންނަ އެމްޑީޕީގެ އޮފީހުގައި ރޯވި އަލިފާން ގަނޑު ނިއްވާލުމުގައި ފުލުުހުންނާއި އާއްމުން އަދި ފަޔާއެންޑް ރެސްކިއު މަސައްކަތް ކުރަމުން އެބަދެއެވެ.

އަލިފާންގަނޑު ގަދަވަމުން އަންނަ އިރު އެމްޑީޕީ އޮފީހުގެ ބައެއް ސާމާނާއި އޮފީހާއި އިންވެގެން ހުރި "ކައްޓި ހިއްވަރު" ފިހާރައިގެ މުދާ ވަނީ ބޭރަށް ނެރެފައެވެ.

އޮފީހުގައި ރޯވި އަލިފާންގަނޑު ނިއްވާ ލުމުގައި ހަރަކާތްތެރިވި އައްޑޫ ފަޔާ ސްޓޭޝަންގެ އެއްވެސް ވެހިކަލެއްގައި ފެން ނެތް އިރު އާދައިގެ ޕަމްޕެއް ގުޅައި، ފެން ޖަހަން ފެށުނީ ހާދިސާ ހިނގިތާ އެތައް އިރެއްވި ފަހުންނެވެ. އޭރު އެމްޑީޕީ އޮފީސް ވަނީ މުޅިން އަނދާ ހުލިވެފައެވެ.

ފުލުހުންނާއި، އެމްއެންޑީއެފް އަދި ފަޔާ ސްޓޭޝަންގެ ބޭކަލުން ހަރަކާތްތެރިވަމުން އަންނަ އިރު އަދިވެސް މުޅި އަލިފާންގަނޑު ކޮންޓްރޯލް ނުވެއެވެ. އެހެންވެ އިތުރު ޕަމްޕް ގުޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލިޙުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ، އޮފީހުގައި ހުރި ސާމާންގެ އަގު ހަ ލައްކަ ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށެވެ.

މިހާދިސާ ހިގާފައިވަނީ އެމްޑީޕީން ފޭދޫގައި ޖަލްސާ ބާއްވަމުން ދިޔަ ސަރަހައްދަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ހަމަ ނުޖެހުން ހިންގިތާ ކުޑައިރު ކޮޅެއް ފަހުންނެވެ. ހަމަ ނުޖެހުން އުފެއްދި މައްސަލާގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ އިރު އެ ހަތަރު މީހުންނަކީވެސް ހިތަދޫއަށް ނިސްބަތްވާ ބަޔެކެވެ.