އަމިއްލަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރޭގައި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާތީ ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ނޭމާ 3.33 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
މީޑިއާތަކުން ބުނީ އޭނަ ޖޫރިމަނާކުރީ ދެކުނު ބްރެޒިލްގެ އައްސޭރިފަށުގެ ހިސާބެއް ކަމަށްވާ މަންގަރަޓީބާގައި އިމާރާތްކުރަމުން އަގުބޮޑު ލަގްޒަރީގޭގެ މަސައްކަތަށް އެ ހިސާބުގެ ފެނާއި ހިލަ އާއި ވެލި ގަވައިދާހިލާފަށް ބޭނުންކޮށްފައިވާތީ ކަމަށެވެ. އެގޮތުން އެ ގޭގައި އާޓިފިޝަލް ލޭކެއް ހަދަން ތިމާވެއްޓަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް މަންގަރަޓީނާގެ ތިމާވެއްޓާ ބެހޭ އިދާރާ އިން ބުންޏެވެ.
އެހެންވެ އެ މައްސަލަ ސަމާލު ކަމަށް އައުމާ ގުޅިގެން އެކަން ބަލައި ނޭމާ 3.33 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ މައްސަލަ މިހާރު ވަނީ މަންގަރަޓީބާގެ އެޓާނީ ޖެނެރަލް އޮފީހަށާއި ސްޓޭޓް ސިވިލް ޕޮލިހުންގެ އިތުރުން ކަމާގުޅޭ އެހެން އިދާރާތަކަށް ވެސް ހުށަހަޅައިފަ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ނޭމާ، 31، ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ބުނީ މިކަމާ ގުޅިގެން ނޭމާގެ ބަހެއް ހޯދަން އޭނަގެ ތަރުޖަމާނަށް ގުޅުމުން ކޮމެންޓެއް ކުރަން އިންކާރުކޮށްފައިވާ ކަމަށެވެ.