Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

މިހާރު އެމްޑީޕީ ހިންގަން ތިބީ ޑިމޮކްރަސީ ދަންނަ ބައެއް ނޫން

މެންބަރު ހަސަން އަފީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހިންގަން މިހާރު ތިބީ ޑިމޮކްރަސީ ދަންނަ ބައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އަފީފް މިފަދައިން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ހިންގާ "އޯޝަން ޓީވީ"ގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައި މީހުން ކަމަށާއި އެހެންނަމަވެސް މިއަދު އެމްޑީޕީގެ ހިންގަން ތިބީ ޑިމޮކްރަޓުން ނޫން ކަމަށާއި އެއީ ޑިމޮކްރަސީ ދަންނަ ބައެއް ނޫން ކަމަށެވެ. ޑިމޮކްރަސީގެ އުސޫލަކީ ފުރަތަމަ މައިނޯރިޓީގެ ހައްޤު ރައްކާތެރި ކޮށްދިނުންކަން ފާހަގަކޮށް އަފީފް ވިދާޅުވީ މެޖޯރިޓީން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނީ މައިނޯރިޓީގެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށްފަހު ކަމަށެވެ.

"އެމްޑީޕީ މިކިޔަނީ މަޖިލީހުގަ އެމްޑީޕީގަ ތިއްބެވި ބޭފުޅުން. ހަމައެއާ އެއްކޮށް އެމްޑީޕީ ހިންގަންވެސް މިވަގުތަކު ނެތް ޑިމޮކްރަސީ ދަންނަ ބޭފުޅަކު." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ މެޖޯރިޓީއަށް ތަބާވާންޖެހޭ އުސޫލުތަކެއް ޑިމޮކްރަސީގައި ހުންނަ ކަމަށާއި އަދި މެޖޯރިޓީންވެސް ތަބާވާންޖެހޭ އުސޫލުތަކެއް ހުންނަ ކަމަށެވެ. އެގޮތުން ތިމާގެކޮޅުގައި މީހުން ގިނަ ނަމަވެސް ބޭނުންހާ ގޮތެއް ހެދުމުގެ އިޚްތިޔާރު ޑިމޮކްރަސީގައި ނޯންނަ ކަމަށް އަފީފް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް ދިމާވެފައިވަނީ އެފަދަ މައްސަލައެއްކަން ފާހަގަކޮށް އަފީފް ވިދާޅުވީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމަކީ ދުނިޔޭގެ އެއްވެސް ބަރުލަމާނީ މަޖިލިހެއްގައި ކުރާކަމެއް ނޫން ކަމަށެވެ. މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކިކުރަން ބޭނުންވާ ހާލަތުގައިވެސް އެއް މައްސަލަ ނިންމުމަށްފަހު އަނެއް މައްސަލަ ހުށަހެޅުމަކީ އަމަލުކުރަމުންދާ ގޮތް ކަން ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅީ ގަަސްދުގައި މަޖިލިސް ހުއްޓުވާލުމަށް ކަމަށްވެސް އަފީފް ވިދާޅުވިއެވެ. އެގޮތަށް ކަންތައް ކޮށްފައިވަނީ ރިޔާސީ އިންތިހާބު ކައިރިވަމުންދާއިރު ސަރުކާރުން ކޮށްފައިވާ އަދި ކުރަމުންދާ ނުރަނގަޅު ކަންތައް މަޖިލީހުގެ ތަޅުމުގައި ދެއްކުމުގެ ފުރުސަތު ނުދިނުމަށްކަމަށްވެސް ވިދާޅުވިއެވެ