ހުޅުމާލެ ބްރިޖް ހައިވޭގައި ދިމާލުން ހަރުކުރަމުން ދިޔަ ސޯލާ ޕެނަލްތަކުގެ ތެރެއިން އީއްޔެ ވިއްސާރައިގެ ވައި ގަދަވި ވަގުތު ޕެނަލްތަކެއް ވިއްސައިގެން ދިޔަ މައްސަލައިގައި އިންޓާނަސް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާނެ ކަމަށް އެންވައިރޮމެންޓް މިނިސްޓްރީން ބުނެފިއެވެ.
ވިއްސާރައިގައި ޕެނަލެއް ވިއްސައިގެން ގޮސްގެން އުޅޭ ކަމަށް އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް ގެނައި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 4 ސޯލާ ޕެނަލް މޫދަށް ވިއްސައިގެން ގޮސްފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރ މިކަމަށް ސަމާލުކަމަށް ނުދީފިނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުން އެކަށީގެންވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އެންވައިރޮމެންޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، ވިއްސައިގެން ދިޔަ ޕެނަލް ތަކަކީ ސްޓްރަކްޗަރގައި ހަރުކުރުމަށް ބަހައްޓާފައި ހުރި ޕެނަލްތަކެއް ކަމަށެވެ. އަދި ހަރުކޮށްފައިވާ އެއްވެސް ޕެނަލެއް ވިއްސައިގެން ނުދާކަން މިނިސްޓްރީން ފާހަގަ ކުރިއެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އެޕެނަލްތައް މޫދުން ނަގާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
މިނިސްޓްރީގެ ބަޔާނުގައި ޕްރޮޖެކްޓުގެ އެއްވެސް ޑިޒައިން ފޯލްޓެއް ފާހަގަ ވެފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، ހައިވޭގައި ދަތުރު ކުރުމަށްވެސް ޕެނަލްތަކުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ކޮންޓްރެކްޓަރގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭ އިންޓާނަލް އިންވެސްޓިގޭޝަނެއް ކުރާނެ ކަމަށް އެންވައިރޮމެންޓް މިނިސްޓްރީން ބުނެއެވެ. އަދި އިތުރަށް މަސައްކަތް ދެން ކުރިއަށްދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައި ހުރިތޯ ޔަޤީން ކުރުމަށް ފަހު ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން މިހާރަށް ވުރެ މަސައްކަތުގެ ސުޕަވިޝަން އިތުރު ކުރުމަށް އަންގަން މިނިސްޓްރީން ވަނީ ނިންމާފައެވެ.
އެސްޕަޔަރ ޕްރޮޖެކްޓުގެ ދަށުން މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓު އަވިން އުފެއްދުމަށް ބޭނުންވާ ޕެނަލް ހަރުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. މިމަސައްކަތުގެ މިހާރު ކުރިއަށް ދަނީ ޕެނަލްތައް ސްޓީލް ސްޓްރަކްޗަރގައި ހަރު ކުރުމުގެ މަސައްކަތެވެ. ވޯލްޑް ބޭންކުގެ އެހީގައި އެމްވަޔަރަމެންޓް މިނިސްޓްރީން ހިންގާ އެ މަޝްރޫ ކުރިއަށް ގެންދަނީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ.
މިމަޝްރުއު ނިމުމުން ސަރުކާރުން ތެލަށް ކުރާ ޙަރަދު އަހަރަކު 15 މިލިއަނާއި 20 މިލިއަން ދެމެދު ރުފިޔާއިން ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.