Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކަންގަނާގެ 3 ފިލްމެއް ފުލުފުލުގައި

ބަތަލާ ކަންގަނާ ރަނަވާތުގެ ތިން ފިލްމެއް ފުލުފުލުގައި ރިލީޒްކުރަން ތާވަލުކޮށްފި އެވެ.

މީގެ ތެރެއިން ފުރަތަމަ ފިލްމަކި އޭނަ ޖިންނި އަވަލާފައިވާ މީހެއްގެ ރޯލު ކުޅެފައިވާ ހޮރޯ-ކޮމެޑީ "ޗަންދުރަމުކީ 2" އެވެ. ދެހާސް ވިހީގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ" ޑައިރެކްޓްކުރި ތަމަޅަ އެކްޓަރު ރަގަވާ ލޯރެންސް ބަތަލުގެ ރޯލު ކުޅެފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެއަށް ފަހު އޮކްޓޯބަރު 20 ގައި ކަންގަނާގެ ވަތަނީ ފިލްމު "ތޭޖާސް" ސިނަމާތަކަށް ގެންނާނެ އެވެ. މި ފިލްމަކީ އޭނަ އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓެއްގެ ރޯލު ކުޅެފައިވާ އެއްޗެކެވެ.

"ތޭޖާސް" އަށް ފަހު ނޮވެމްބަރު 24 ގައި "އިމަޖެންސީ" ސިނަމާތަކަށް އަންނާނެ އެވެ. މި ސިޔާސީ ފިލްމަކީ ކަންގަނާ ޑައިރެކްޓްކޮށް، ކުޅުނު އެއްޗެކެވެ. "އިމަޖެންސީ" ގައި އޭނަ ފެންނާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ.

ހަތަރު ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބަލާނެ ބަޔަކު ނުވި އެކްޝަން ފިލްމު "ދާކަޅް" އެވެ.