Last Updated: July 19, 09:30
Sunday, July 19, 2026
ދުނިޔެ

މޮޑަނާގެ ބިޔަ އިންވެސްޓްމަންޓެއް ޗައިނާ އަށް

ކޮވިޑް-19 ގެ ވެކްސިނެއް ވެސް އުފެއްދި އެމެރިކާގެ ކުންފުނި މޮޑަނާ އިން ޗައިނާގައި އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން ޗައިނާގެ މީޑިއާތަކުން ބުނީ މި އިންވެސްޓްމަންޓާ ގުޅޭ މަޝްވަރާތަކަށް މޮޑަނާގެ ޗީފް އެގްޒެކެޓިވް ސްޓެޕޭން ބަންސެލް މި ވަގުތު ހުންނެވީ ޝަންހާއީގައި ކަމަށާއި ވަރަށް އަވަހަށް މި ބިޔަ އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

ނަމަވެސް މޮޑަނާގެ މި އެއްބަސްވުމުގެ ދަށުން ޗައިނާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިންވެސްޓްމަންޓްތަކާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބި އެވެ. ނަމަވެސް މިދިޔަ އެޕްރީލް މަހު ބަންސެލް ޗައިނާ އަށް ކުރެއްވި ދަތުރުގައި ވަނީ ބޭސްވެރިކަމުގެ ދާއިރާ އިން ޒަމާނީ އާ އުފެއްދުންތަކެއް ޗައިނާއާ ގުޅިގެން އުފައްދަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މޮޑަނާ އިން ޗައިނާ އަށް ކުރާ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވާނީ އެ ކުންފުނިން އެ ގައުމުގައި ކުރާ ފުރަތަމަ އިންވެސްޓްމަންޓަށެވެ. ޗައިނާ އިން މި ފަހަކަށް އައިސް ވަނީ ފޮރިން އިންވެސްޓްމަންޓްތަކަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަމުންނެވެ.