Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކާޖޮލް އާއި ކްރިތީ "ދޯ ޕައްތީ" ގައި

ބޮލީވުޑްގެ ތަރިން ކަމަށްވާ ކާޖޮލް އާއި ކްރިތީ ސެނަން އެކީގައި ފިލްމެއްގެ މަސައްކަތް ކުރަން ހަމަޖެހިއްޖެ އެވެ.

މި ފިލްމަކީ ސަސްޕެންސް ތުރިލާއެއް ކަމަށްވާ "ދޯ ޕައްތީ" އެވެ. މި ޕްރޮޑިއުސްކުރަނީ ކްރިތީގެ އަމިއްލަ ފިލްމު ކުންފުނި، ބްލޫ ބަޓަފްލައި ފިލްމްސް އާއި ސްކްރީން ރައިޓަރު ކަނިކާ ދިލަންގެ ކާތާ ފިކްޗާސް ގުޅިގެންނެވެ. އަދި "ދޯ ޕައްތީ" އާ އެކީ ކަނިކާ ޑައިރެކްޝަނަށް ނުކުންނާނެ އެވެ.

އޭނަ ސްކްރީންޕްލޭ ލިޔުނު ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "ރާ.ވަން" އާއި ތާޕްސީ ޕައްނޫގެ "މަންމަރުޒިޔާ" އާއި ސާރާ އަލީ ޚާންގެ "ކޭދަރުނާތު" އާއި ކަންގަނާ ރަނާވަތުގެ "ޖަޖްމެންޓަލް ހޭ ކިޔާ" ގެ އިތުރުން ތާޕްސީގެ "ހަސީން ދިލްރުބާ" ހިމެނެ އެވެ. މި އަހަރަށް ތާވަލުކޮށްފައި އޮތް ޝާހްރުކްގެ "ދުންކީ" ގެ ސްކްރީންޕްލޭގައި ވެސް ކަނިކާ ހިއްސާވެ އެވެ.

ކާޖޮލް އާއި ކްރިތީ މުހިއްމު ރޯލުތައް ކުޅޭ "ދޯ ޕައްތީ" ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމި އިރު، މީގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ. އެކަމަކު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި ނުނިންމަ އެވެ.

ކާޖޮލް އާއި ކްރިތީ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ 2015 ގެ "ދިލްވާލޭ" ގަ އެވެ. އޭގެ ބަތަލުންނަކީ ޝާހްރުކާއި ވަރޫން ދަވަނެވެ.