ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުން އަންނަ ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކުރަން ކޯޓުން އަމުރެއް ނެރެފި އެވެ.
އޭނަ ހައްޔަރުކުރަން އަމުރެއް ނެރުނީ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިއްޔެ ބާތިލްކޮށްފައި ވަނިކޮށެވެ.
ނަމަވެސް ރޭ ނެރުނު އަމުރާ ގުޅިގެން މަންޑޭ ހައްޔަރުކުރި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
އޭނަގެ ޕާސްޕޯޓް ހިފެހެއްޓީ ހުޅުމާލޭގެ ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން އެ ކުންފުނީގެ އަނެއް ހިއްސާދާރަކު މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުން މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.