މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް އޮންލައިންކޮށް ރީރަޖިސްޓްރީ ވުމުގެ ފުރުސަތު މި މަހު 16 ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، މި މަހު 16 ގައި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށެވެ.
ރީރަޖިސްޓްރީކުރަން މިފަހަރު 21 ދުވަސް ލިބޭނެކަން ފާހަގަކޮށް ހަބީބް ވިދާޅުވީ މިފަހަރު ރީރަޖިސްޓްރީ ވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިމަހުގެ 23 އިން އޮގަސްޓް 7 ގެ ނިޔަލަށް އޮންނާނެއެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާއިރު، ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް އަދި އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް ނިކުންނަވާނެކަން ވަނީ ހާމަކުރައްވާފައެވެ. މީގެއިތުރުންވެސް އެކި ފަރާތްތަކުން އަންނަނީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.