Last Updated: June 28, 20:14
Sunday, June 28, 2026

ހަމަ ނުޖެހުން ހިންގި މައްސަލާގައި 20 މީހަކު ހައްޔަރުކޮށްފި

ހިތަދޫގައި ހުންނަ އެމްޑީޕީ އޮފީހުގައި ރޯކޮށްލުން. އައްޑޫލައިވް ފައިލް ފޮޓޯ.

އެމްޑީޕީން މިރޭ ފޭދޫގައި ބޭއްވި ޖަލްސާއަށް ހުރަސް އަޅަން މަސައްކަތް ކުރި މައްސަލާގައި މިހާތަނަށް 20 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް އަހްމަދު މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ ސިޔާސީ ޕާޓީއަކުން ބާއްވަމުން ދިޔަ ޖަލްސާެއަށް ހުރަސް އަޅައި ހަމަ ނުޖެހުން އުފައްދަން މަސައްކަތް ކުރި މައްސަލާގައި 20 މީހަކު ހައްޔަރު ކޮށް މައްސަލަ ތަހްގީގް ކުރަމުން އަންނަ ކަމަށެވެ.

ޝިފާން ވިދާޅުވީ މިރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި އެކި ސިޔާސީ ޕާޓީއަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށެވެ. އަދި މީ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

މިރޭ ފޭދޫ ބަނދަރު މަތީގައި އެމްޑީޕީން ޖަލްސާ ބާއްވަމުން ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ލަކުޑި ބުރިތަކެއް ހިފައިގެން ޖަލްސާގެ ތެރެއަށް ވަދެ ހަމަ ނުޖެހުން އުފައްދާފައެވެ.

އަދި ހަމަ ނުޖެހުން އުފެއްދި މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކުރިތަން "އައްޑޫލައިވް"ގެ ނޫސްވެރިންނަށް ވަނި ފެނިފައެވެ.

ޝިފާން ވިދާޅުވީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ އިރު ހާދިސާ އާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި މި މައްސަލަ ބަލަމުން، އަޅުގަނޑުމެން ރަށުތެރޭގެ އަމަންކަން ގާއިމް ކުރުމަށް ވަސީލަތްތައް ހުރި އެންމެ ފުޅާ މިންވަރަކަށް މިދަނީ މަސައްކަތް ކުރަމުން، ހައްޔަރު ކުރި މީހުންގެ ތެރޭގައި އެބަ ހިމެނޭ ތަފާތު ސިޔަސީ ޕާޓީތަކަށް ނިސަބަތްވާ މީހުން"

ޝިފާން މިގޮތަށް ވިދާޅުވެފައިވާ އިރު މިރޭ 11:30 ހާއިރު އެމްޑީޕީ ހިތަދޫ އޮފީހުގައި ބަޔަކު ވަނީ ރޯކޮށް އެތަން އެއްކޮށް އަންދާލާފައެވެ. އަދިވެސް އެތަނުގައި ރޯވެފައިވާ އަލިފާންގަނޑު މުޅިން ނިއްވާ ނުލެވެ.