Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ނުފޫޒު ފޯރުވައިގެން ހިޔާނާތްތައް އޮއްބާލުމަކީ ލަދުވެތިކަމެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު-

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރެއްގައި ޚިޔާނާތްތައް އޮއްބާލުމަކީ ލަދުވެތިކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކުގައި ފުލުހުން، ޕީޖީ އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ އޮއްބާލާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަމުގައި ވަރަށް ފާހަގަވާ ކަމަށެވެ.

މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ ހިޔާނާތުގެ މައްސަލައަކީ ވެސް މިފަދަ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އާރުޑީސީގެ 13 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު އެކަމުގައި ތުހުމަތު ކުރެވެނީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަނާއެވެ. އަދި އެކަމުގައި އެ ކުންފުނީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ)ގެ ބައިވެރިވުމެއް ވާކަމަށްވެސް ބުނެ ވާހަކަ ފެތުރިފައިވެއެވެ. އެހެންނަމަވެސް އާރުޑީސީއާ ގުޅޭގޮތުން ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް އެމްޑީ މޫސާ އަލިމަނިކު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އާރްޑީސީއާ ގުޅުންހުރި މައްސަލައެއް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.