Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ކޮމިއުނިޓީ ފަންޑުން މިލަންދޫ ސްކޫލުގައި ރީޑިން ޕާކެއް

ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިން ޕާކެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މި ރީޑިންގ ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބްއިން ކަމަށެވެ. އައުޓްޑޯ ރީޑިންގ ޕާކު ތަރައްގީކޮށްފައި ވަނީ މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.

މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުން ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ދަރިވަރުންނަށް ފޮތް ކިއުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރެވި ފޮތް ކިއުމުގެ މުހިންމުކަން ދަސްވުން. މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އަދި މިރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ ފަރާތުން ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން." މިލަންދޫ ސްޕޯޓްސް ކްލަބްގެ ނައިބް ރައީސް އަހުމަދު ސަމީހު ވިދާޅުވިއެވެ.

ބީއެމްއެލްއިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ދާދި ފަހުން ހޮވާފައެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.