އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުނިން މަގު ބައްތި ޖަހައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި އައްޑޫސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާގައި އައްޑޫގެ ބައެއް އަވަށްތަކުގެ މަގު ބައްތި ނުދިއްލި އެތަށް ދުވަހެއް ވެގެން ގޮސްފައިވާ ކަމުގެ ޝަކުވާ ހިތަދޫ މޫލެކެޑެ ދައިރާގެ މެންބަރު އަހުމަދު ސައީދު ވަނީ އުފުލާފަ އެވެ. އެގޮތުން އޭނާ ނިސްބަތްވާ ދާއިރާގެ މަގު ބައްތި ނުދިއްލި އެކަމަށް ހައްލެއް ނުގެނެސް އީދު ކުޅިވަރަށް ބޮޑު ޚަރަދެއް ކޮށް ބޭރުން މީހުން ގެނެއުން ވަނީ ކުށްވެރިކޮށްފައެވެ.
މިމައްސަލާގައި ކައުންސިލް ޖަލްސާގެ ރިޔާސަތު ބަލަހައްޓަމުން ގެންދެވި ޑެޕިއުޓީ މޭޔަރ ޝުއާއު ވަނީ، އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ބޮކިތައް ޖެހުމާއި ސީސީޓީވީ ކެމެރާ ހަރު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިމަސައްކަތަށް ބޭނުންވާ ސާމާނު އެންމެފަހުން އައި އެފްކޮންސް ބޯޓުން ގެނެސްފައިވާ ކަމަށް ސިޓީ ކައުންސިލުން ކޮންޓްރެކްޓަރ އާއި ހަވާލާދީ ވިދާޅުވިއެވެ.
"އެފްކޮންސްއިން ހަދަމުން ގެންދާ މަގުތަކަށް ބޭނުންވާ ލައިޓްތަކާއި ކޭބަލްތައް ގެނެސް ވަނީ. އީއްޔެ ބޭއްވުނު ސްޓޭކް ހޯލްޑަރ މީޓިންއިން މައުލޫމާތު ލިބުނު އެންމެ ފުރަތަމަ މަސައްކަތް ކުރަނީ އޮއްޑައްސަލި ސަރަހައްދުން ކަމަށް. ސީސީޓީވީ ކެމެރާ ހަރުކުރާ ބުޑުތަކާއި ލައިޓްތަކުގެ ބުޑުތަކުގެ މަސައްކަތް އީއްޔެއިން ފެށިގެން ކުރަމުންދާ ކަމަށް" ޝުއާއު ވިދާޅުވިއެވެ.

ޝުއާއުގެ ވާހަކައިގައި އައްޑޫ މަގު ހެދުމުގެ މަޝްރުޢޫ ދަށުން މަގުތަށް ކޮނުނު އިރު ކޭބަލްތައް ބައެއް ހިސާބުތަކުގައި ބުރިވެފައިވާ ކަން ފާހަގަ ކުރިއެވެ. އަދި ފޯލްޓް ލޮކޭޓަރ އެއް ބޭނުންކޮށް ބަލައި، ކޭބަލް އައިޑެންޓިފައި ނުވި މަގުތަކުގެ ކޭބަލް އެޅުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް ޝުއާއު ވިދާޅުވިއެވެ.
މީގެ އިތުރުން ބައްތި ޖެހުމަށް ބޭނުން ކުރާ އުޅަނދު މިހާރު މަރާމާތުކޮށްފައިވާ ކަމަށާއި، ކޭބަލް ބުރިނުވެ ހުރި ބައްތިތައް ބަދަލު ކުރުމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އެފްކޮންސް އާއި ހަވާލު ކުރެވިފައިވާ އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ދަށުން 6 އަވަށެއްގައި 376 ސީސީޓީވީ ކެމެރާ، އަދި 3600 މަގު ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޒަމާނީ ފެންވަރުގެ ނިޒާމަކުން ގުޅުވާލެވިފައިވާ ކެމެރާ އަދި މަގުބައްތި ތަކެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.