އައްޑޫ މަރަދޫގައި ޓާފް އަޅައިގެން ހެދި ދަނޑު މި މަހު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނެފި އެވެ.
މަރަދޫ ބޮޑު މަގުގައި ވެންބޮޅޮފިށި ސްޓޭޑިއަމްގެ ނަމުގައި ބޭނުން ކުރަމުން އައި މި ދަނޑު ޔޫތު މިނިސްޓްރީގެ ޕްރޮޖެކްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ޓާފް އަޅަން ފެށީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އެ މަސައްކަތުގެ ކޮންޓްރެކްޓަރަކީ ސާރިއާ އިންވެސްޓްމަންޓެވެ.
އެ ކުންފުނިން މިދިޔަ މެއި މަހުގެ ނިޔަލަށް ދަނޑުގެ މަސައްކަތް ނިންމައި ކައުންސިލާ އޮތީ ހަވާލުކޮށްފަ އެވެ. ނަމަވެސް ދަނޑު ބޭނުން ކުރެވޭނެ ގޮތެއް ނުވެ ދިގުލައިގެންދާތީ މަރަދޫގެ ވަރަށް ގިނަ ޒުވާނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދަނޑު ނުނިމިގެން މިދިޔަ މަރަދޫ ގޯދިއްޔާ އިން ރޯދަ މަހު ބާއްވާ ފުޓްސަލް މުބާރާތް ވެސް މި ފަހަރުގެ ރޯދަ މަހު ބާއްވަން ޖެހުނީ މަރަދޫފޭދޫގަ އެވެ.

ދަނޑު ހުޅުވުން ލަސްވުމާ ބެހޭ ގޮތުން މަރަދޫ ކައުންސިލަރު އަހުމަދު ނާދިރު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އެތަން ނުހުޅުވި ލަސްވަނީ ދަނޑު ބޭނުންކުރަން ފެށުމުގެ ކުރިން ޕިޗްގެ ހާލަތު ވަޒަންކޮށް ދޭން މިނިސްޓްރީގެ އެދިފައި އޮތަސް އެކަން ލަސްވާތީ ކަމަށެވެ.
"ކައުންސިލަކު ނެތް އެކަން ބެލޭ ވަރުގެ އެކްސްޕާޓުންނެއް. އެހެންވެ މިނިސްޓްރީގައި އެކަމަށް ރިކްއެކްސްޓްކޮށްގެން ބަލައިދޭން އެދިފައި އޮތަސް އެކަން ލަސްވާތީ ދަނޑު ހުޅުވުން ލަސްވެގެން އުޅެނީ،" އޭނަ ވިދާޅުވި އެވެ.
ނާދިރު ވިދާޅުވީ ދަނޑު ހުޅުވަން ބޭނުން ވަނީ ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި ނިންމުމަށް ފަހު ކަމަށެވެ. އެހެން ނޫން ނަމަ ދަނޑު ބޭނުން ކުރަން ފަށާތަނުން މައްސަލަތަކެއް ދިމާވެއްޖެ އަނެއްކާ ވެސް އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މި ދަނޑު ބޭނުން ކުރަން ފެށުމުގެ ކުރިން އަޅުގަނޑުމެން ކަށަވަރު ކުރަން ބޭނުންވޭ ދަނޑުގެ މަސައްކަތް ކުރެވިފައި އޮތީ އެންމެ ރަނގަޅަށްތޯ. އެހެންވެ އެކަން ބަލައިދޭން މިނިސްޓްރީގައި ރިކްއެކްސްޓްކޮށްފައި ވާނީ،" އޭނަ ވިދާޅުވި އެވެ. "އެކަން ނުލަބައި ދަނޑު ބޭނުން ކުރަން ފަށައިފި ނަމަ ދެން ދިމާވާ މައްސަލަތަކުގެ ޒިންމާއެއް ކޮންޓްރެކްޓަރު ވެސް ނުނަގާނެ. އެހެންވީމަ އެބަ ޖެހޭ މިކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދަން."
ނާދިރު ވިދާޅުވީ ޔޫތު މިނިސްޓްރީގެ އެކްސްޕާޓުންގެ ޓީމެއް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އަންނާނެ ކަމަށް ބަލައިގެން ތިބި ކަމަށެވެ.
"އެއަށް ފަހު ދެން އަޅުގަނޑުމެން ދަނޑުގެ ކަންކަމާއިގެ ކުރިއަށް ދާނަން. އަމާޒަކީ މިހާރު މި މަސް ނިމުމުގެ ކުރިން މި ދަނޑު ހުޅުވުން." އޭނަ ވިދާޅުވި އެވެ.

ނާދިރު ވިދާޅުވީ ދަނޑު ނުހުޅުވި ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެކަމާ ގުޅިގެން ޒުވާނުންގެ ހުރި ކަންބޮޑުވުންތަކަކީ ހަމަ ޖާއިޒު ކަންބޮޑުވުންތަކެއް. ކުޅޭނެ އިތުރު ދަނޑެއް މަރަދޫގައި ނެތި މި ދަނޑުގެ މަސައްކަތް އެހާ ބޮޑަށް ދިގުލައިގެން ދިއުމުން ޒުވާނުން ތިބީ ކުޅޭނެ ގޮތެއް ނެތިފައި."