Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ގިނަ މާރާމާރީތަކެއްގެ ތުހުމަތުވާ މަފާޒު ދޫކޮށްލައިފި

ނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މަފާޒު ގ. ޖެލީފިޝްގެއިން ނެރެގެން ގެންދަނީ-- ސަން ފޮޓޯ

ނުރައްކާތެރި ގިނަ މާރާމާރިތަކެއްގެ ތުހުމަތު ކުރެވޭ މުހައްމަދު މަފާޒު ހުސެއިން ސަލީމް ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މަފާޒަކީ ހއ. ތަކަންދޫ/ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) މަރާލި މައްސަލައިގައި ދައުވާކޮށް އެ މައްސަލަ ސާބިތުނުވުމުން ދޫކޮށްލާފައިހުރި މީހެކެވެ. ނަޑޭގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ މަފާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ.

އެ މައްސަލަ ސާބިތު ނުވުމުން މަފާޒު ބަންދުން ދޫކޮށްލާފައިވަނިކޮށް އިތުރު މާރާމާރީއެއްގެ މައްސަލައެއްގައި ފުލުހެއްގެ ގައިގާ ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކުރިއެވެ. އެމައްސަލައިގައި ބަންދުގައި 7 ދުވަސް ހޭދަކުރުމަށްފަހު މަފާޒް ބަންދުން ދޫކޮށްލީއެވެ.

މީގެއިތުރުން ޖޫން މަހުގެ 3 ވަނަ ދުވަހު މަފާޒް ހައްޔަރު ކޮށްފައިވަނީ މަޖީދީ މަގު ޑައިންމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކުރިއިރު އެމީހުންގެ ތެރެއިންނެވެ. އެ މައްސަލައިގައި މަފާޒްގެ ބަންދު ދެފަހަރެއްގެ މަތިން އިތުރުކޮށްފައިވެއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔަ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މަފާޒް ދޫކޮށްލާފައެވެ.

މިމައްސަލައިގައި "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މަފާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމާ ޖޫން 13 ވަނަ ދުވަހު، ދައުވާ ކޮށްދިނުމަށް އެދި ޕްރެސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.