Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

އެމްޕީއެލްގެ މުވައްޒަފުން ކިޔަވަން މެލޭޝިއާ އަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތު ހޯދައި ދިނުމަށް މެލޭޝިއާގެ ނެދަލޭންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖް (އެންއެމްޔޫސީ) އާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ. އެންއެމްޔޫސީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ އެގްޒެކެޓިވް ޗެއާމަން ރަޒާލީ ޔާކޮބް އެވެ.

މި އެއްބަސްވުމުގެ ދަށުން ޕޯޓާ ގުޅުން ހުރި އެކި ދާއިރާތަކުން އެމްޕީއެލްގެ މުވައްޒަފުންނަށް ފައުންޑޭޝަން ލެވެލްގެ ކޯސްތަކުން ފެށިގެން ޑިގްރީ އާއި މާސްޓާސް ކޯސްތައް ހެދުމުގެ ފުރުސަތު ވެސް އެވެ. މީގެ އިތުރުން ޔުނިވާސިޓީގެ ކުރު ތަމްރީނު ޕްރޮގުރާމުތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

"ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު މި ކުންފުނީގެ ހަ މުވައްޒަފަކަށް ކޮންމެ އަހަރުވެސް ލިބިގެންދާނެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނުތައް ވެސް މުވައްޒަފުންނަށް ފޯރުކޮށްދޭނެ. " ޝާހިދު ވިދާޅުވިއެވެ.

ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މެރިޓައިމް ކޮލެޖުގެ ޗެއަރމަން ރަޒާލީ ޔާކޮބް ވިދާޅުވީ، މެލޭޝިއާގައި ރަނގަޅު ޕޯޓުތައް ހުރި ކަމަށާއި، ތަމްރީނު ހޯދާ މުވައްޒަފުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައްވެސް ފަހިވެގެން ދާނެ ކަމަށެވެ. އަދި މިއީ ދެ ފަރާތް ގުޅިގެން ދެ ފަރާތައް ވެސް ފައިދާ ކުރާނެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.