Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

މިހާރު ބޭނުން ވަނީ އުމުރާ ގުޅޭ ރޯލުތައް

މިހާރު ކުޅެން ލިބޭ ރޯލުތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކެރިއަރުގެ ކުރީކޮޅު ކުޅުނު ކަހަލަ ރޯލުތައް މިހާރު ބޭނުން ނުވާ ކަމަށް ބޮލީވުޑްގެ ބަތަލާ ކާޖޮލް ބުނެފި އެވެ.

އޭނަގެ ފުރަތަމަ ވެބް ސީރީޒް "ދަ ޓްރަޔަލް" މި މަހުގެ 14 ގައި ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، އޭގެ ޕްރޮމޯޝަންގެ ތެރެއިން ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި 48 އަހަރުގެ ބަތަލާ ބުނީ މިހާރު ބޭނުން ވަނީ އުމުރާ ގުޅޭ ކަހަލަ ރޯލުތައް ކަމަށެވެ. އަދި މިހާރު ލިބޭ ރޯލުތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހިގެން ހުރި ކަމަށް ވެސް ބުންޏެވެ.

ކާމިޔާބު އަދި މަޝްހޫރު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލް ބުނި ގޮތުގައި އޭނަ އަކީ މިހާރު ކުރު ހެދުން ލައިގެން ލަވަ ކިޔައި، ނަށާ ކަހަލަ ރޯލުތައް ކުޅޭ އުމުރުގެ ބަތަލާއެއް ނޫނެވެ.

"އެހެންވެ ދެން ބޭނުމެއް ނޫން ސިމްރަން ކަހަލަ ކެރެކްޓާތަކެއް ކުޅޭކަށް. އަދި ވާރޭ ތެރޭގައި ލަވަ ކިޔައި ނަށާކަށް،" ހިންދީ ސިނަމާގެ އައިކޮނިކް ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގައި ކުޅުނު ކެރެކްޓާ އަށް އިޝާރާތްކޮށް ކާޖޮލް ބުންޏެވެ. "އަހަންނަކީ މިހާރު ސޯޅަ އަހަރުގެ ކުއްޖެއް ނޫން."

އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން މި ފަހުން އަންނަނީ ބޮޑެތި ދަރިންތަކެއްގެ މައެއްގެ ރޯލު ކުޅެމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ޕްރީމިއާކުރި "ލަސްޓް ސްޓޯރީސް 2" އާއި މިދިޔަ އަހަރުގެ "ސަލާމް ވެންކީ" ގައި ވެސް ކާޖޮލް ކުޅުނު މައެއްގެ ރޯލެވެ. އަދި އެފަދަ ރޯލުތަކާ ހަވާލުވާކަށް އެއްވެސް ޖެހިލުމެއް ނުވާ ކަމަށް ވެސް ހުނަރުވެރި ބަތަލާ ބުންޏެވެ.

"އަހަރެން ދެކެނީ ދަ ޓްރަޔަލްގައި ކުޅުނު ނިޔޯނިކާގެ ރޯލަކީ ވެސް ވަރަށް ކޫލް ކެރެކްޓާއެއް ގޮތަށް." ދެ ކުދިންގެ މަންމަ ބުންޏެވެ.

ކާޖޮލް މިހާރު ވަނީ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ ބަތަލާ ކްރިތީ ސެނަންގެ ފިލްމު ކުންފުނި، ބްލޫ ބަޓަފްލައި ފިލްސްމް އިން ހަދާ "ދޯ ޕައްތީ" އެވެ.

ކާޖޮލްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ބާޒީގަރު"، "ޔޭ ދިއްލަގީ، "ޑީޑީއެލްޖޭ، "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުޝީ ކަބީ ޢަމް"، "ޕިޔާރު ތޯ ހޯނާ ހިތާ"، "ދިލް ކިޔާ ކަރޭ"، "ގުޕްތު"، "ފަނާ" އަދި "މައި ނޭމް އިޒް ޚާން" ހިމެނެ އެވެ.