Last Updated: May 10, 21:30
Friday, May 10, 2024
ދުނިޔެ

މެޓަގެ "ތުރެޑްސް" ލޯންޗްކޮށްފި

ޓްވިޓާއާ ވާދަ އަށް ނެރުނު މެޓަގެ "ތުރެޑްސް" މިއަދު ލޯންޗްކޮށްފި އެވެ.

މި އެޕް މިހާރު ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ. މި ވާހަކަ އިންސްޓްގަރާމާއި ފޭސްބުކް ވެސް ހިންގާ މެޓަގެ ވެރިޔާ މާކް ޒަކަބާގް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ. އަދި "ތުރެޑްސް" ލޯންޗްކުރުމާ ގުޅުވައި 11 އަހަރު ފަހުން އޭނަ ޓްވީޓެއް ވެސް ކުރައްވާފައިވެ އެވެ. އެ ޓްވީޓްގައި "ތުރެޑްސް" އިން އެންމެންނަށް މަރުހަބާ ވިދާޅުވެފައިވެ އެވެ.

ޒަކަބާގް ވިދާޅުވި ގޮތުގައި މި އެޕްގެ މައިގަނޑު ބޭނުމަކީ ހުޅުވާލެވިފައިވާ މާހައުލެއްގައި ވަރަށް މިނިވަންކަމާއި ފަސޭހަމާ އެކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހިކޮށް ދިނުމެވެ. އެހެންވެ "ތުރެޑްސް" އާ އެކީ މިހާރަށް ވުރެ ބޮޑަށް އެ ފުރުސަތު ހުޅުވައިލެވި، އެ ބޭނުން ކުރާ މީހުން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.

"ތުރެޑްސް" އަށް އިންސްޓަގްރާމް މެދުވެރިކޮށް ލޮގިންވެވޭނެ އެވެ. އަދި މީގައި 500 އަކުރުން ޓެކްސްޓް ކުރެވޭނެ އެވެ. މީގެ އި އިތުރުން ފޮޓޯ އާއި ވީޑިއޯ ވެސް ޕޯސްޓްކުރެވޭނެ އެވެ.

ޒަކަބާގް ވިދާޅުވީ ޓްވިޓާ އަށް ނުހޯދައި ދެވުނު ފުރުސަތު "ތުރެޑްސް" އަށް ހޯދައި ދެވޭނެކަމުގެ ޔަގީންކަން އެބައޮތެވެ. އަދި އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗަކަށްވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ."

އީލޮންސް މަސްކް މިދިޔަ އަހަރު ޓްވިޓާ ބައްލަވައިގަތް އެ ބޭނުންކުރާ މީހުންނަށް "އެތައް ތުރާލެއް" މިހާތަނަށް ޖައްސާފައިވެ އެވެ.