ފިލްމު ކުޅުން ހުއްޓާލައި ބުރުގާ ވެސް އަޅައި، ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނައި އިންޑިއާގެ ކުރީގެ ބަތަލާ ސަނާ ޚާނަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
ސަނާ އާއި ފިރިމީހާ މުފްތީ އަނަސް ސައްޔިދުގެ އަލަތު ދަރިފުޅު އުފަންވީ އިއްޔެ އެވެ. އެކަމާ ގުޅިގެން އެ ވާހަކަ ދެމަފިރިންގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް، ﷲ އަށް ހަމްދުކޮށް ޝުކުރުކުރާ ކަމަށް ބުނެފައިވެ އެވެ. އަދި ދަރިފުޅަކީ އެ މީހުންނާ ހަވާލުކުރެވުނު އަމާނާތެއް ކަމަށާއި އެ އަމާނާތް ވަރަށް ރަނގަޅަށް ބަލަހައްޓާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސަނާ އާއި އާއި އަނަސް ކައިވެނިކުރީ 2020 ގެ ފަހުކޮޅު އެވެ. އަނަސްއާ ކައިވެނިކުރި ފަހުން ސަނާ ހައްޖުގެ އަޅުކަން ވެސް އަދާކޮށް، ދެ ފަހަރެއްގެ މަތިން އުމްރާ ވެސް ވެފައިވެ އެވެ.
ދެހާސް އެކާވީހުގައި ރާއްޖެ އަށް ވެސް ޒިޔާރަތްކުރި ސަނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޖޭ ހޯ"، "ވަޖާ ތުމް ހޯ" އަދި "ހައްލާ ބޯލް" ހިމެނެ އެވެ. ރިއަލިޓީ ޝޯތައް ކަމަށްވާ "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް އޭނަ ވާދަކޮށްފައިވެ އެވެ.