Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

މި އިންތިހާބުގައި ނަޝީދާއި ޑިމޮކްރެޓްސް އުޅެނީ ފަހަތުގައި

މެންބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި "ދަ ޑިމޮކްރެޓްސް" އުޅެނީ ތަންކޮޅެއް ފަހަތުގައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ މިއަހަރުގެ އިންތިހާބުގައި ރައީސް ނަޝީދު އަދި ރައީސް އަބްދުﷲ ޔާމީން ވާދަނުކޮށް ދެބޭފުޅުން އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

އެވާހަކައާ ގުޅިގެން ރައީސް ނަޝީދަށް ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ އެކި ފަރާތްތަކުން ފާޑުކިޔަމުންދާއިރު ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވި ވާހަކައަކީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ.

"މި އިންތިހާބުގައި ރައީސް ނަޝީދު އަދި ޑިމޮކްރެޓްސް އުޅުއްވަނީ ތަންކޮޅެއް ފަހަތުގައި." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޑިމޮކްރެޓްސްއިން އަދި ކެންޑިޑޭޓެއްވެސް ނުދައްކާ ކަމަށާއި، ޕީޕީއެމް ޕީއެންސީން މާކުރިން ވާނީ ރައިސް ޔާމީނަކީ ކެންޑިޑޭޓްގެ ގޮތުގައި ނިންމާ ކެމްޕޭންވެސް ފަށާފައި ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މީހަކު ޖަލުގައި އޮތުމަކީ އެއްވެސް އިރެއްގައި ރުހުނު ކަމެއް ނޫން ކަމަށާއި ޔާމީނަކީ ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ އިތުރުން ދައުލަތުގެ ވަޒީރުކަމާއި އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަށް ފެންނަ ފެނުމުގައި ރިޔާސީ އިންތިހާބުގައި އެ ދެ ބޭފުޅުންވެސް ކުރިމަތިނުލާ، އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ހޯދައިދޭންވީ ކަމަށެވެ.

ޕީޕީއެމް ޕީއެންސީން އަންނަނީ އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ޑިމޮކްރެޓްސްއާއެކު މަޝްވަރާ ކުރަމުންނެވެ.