މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ޤާނޫނީ ހައިސީއްޔަތެއް މާލޭގެ މޭޔަރ މުހައްމަދު މުއިއްޒު ނޫން ބޭފުޅަކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ޖަލްސާގައި ވާހާކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ އަސާސަކީ އެމީހެއްގެ ރަށުގައި އެމީހެއްގެ އިހުތިޞާސްގައިވާ ތަކެއްޗަކީ، އެމީހެއްގެ މިލްކީއްޔާތާއި މުދާ ކަމަށާއި، އެ މުދާ އެހެން މީހަކު އައިސް ދިނުން ނުވަތަ ވިއްކާން އެހެން މީހަކު އުޅުން އެއީކީ އެ ބޭފުޅުން ބައްޓަންކޮށް ބިނާކުރި ލާމަރުކަޒީ ނިޒާމު ބުނާ ގޮތެއް ނޫން ކަމަށެވެ. ނަޝީދު މިވާހަކައިގެ ތެރެއިން އިޝާރާތް ކުރެއްވީ މާލޭގެ ރައްޔިތުންނަށް ހައުސިންގް މިނިސްޓްރީން ގޯތި ދިނުމާއި ގުޅޭ ގޮތުން ކަމަށް ބެލެވެއެވެ.
އެމަނިކުފާނުގެ ވާހަކައިގައި މުއިއްޒު ނޫން މީހަކަށް މާލެ ރައްޔިތުނަށް ގޯތި ދިނުމުގެ ޤާނޫނީ ހައިސީއްޔަތެއް ނެތް ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑުމެން މިރޭ ހިތްހަމަޖެހުނަސް، ނުޖެހުނަސް މާލޭ މޭޔަރ މުއިއްޒު ނޫން ބޭފުޅަކު، މާލެ ރައްޔިތުންނަކަށް ގޯތި ދިނުމުގެ ޤާނޫނީ ހައިސީއްޔަތެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މާލެ ރައްޔިތުންނަކީ ދިވެހި ރައްޔިތުންގެ ތެރެއިން އެންމެ ނިކަމެތިކޮށް އުޅޭ މީހުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ހަމައަށް 3 އިރު ނުކާއި ތިބުމާއި އިޖްތިމާޢީ އެތަކެއް މައްސަލައެއް އެ ރައްޔިތުނާއި ކުރިމަތިލާން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ސިޔާސީ ވެރިން ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ހިތަމާވެރި މައްސަލައެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން ހާލުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ވޯޓު ގަނެލުމަށް ގޯއްޗެއް ދޭނަމޭ ކިޔައިގެން އުޅުމަކީ އެއްވެސް ހާލެއްގައި ކަންކޮށްގެން ވާނެ ގޮތެއް ނޫން ކަމަށާއި އެކަމަށް މަޢާފެއްވެސް ނުދެވޭނެ ކަމަށް ވިދާލުވިއެވެ.
އަދި މިވެރިކަމުން އިސްކަމެއް ދީގެން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މިވެރިކަމުން މަސައްކަތް ކުރުމަށް ތަކުރާރުކޮށް ދަންނަވަމުން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން 4 އަހަރު ދައުރުގައި ނިމިގެން ދިޔައިރު އެންމެ ބޯހިޔާވަހިކަމެއްވެސް މިހާތަނަށް މީހަކަށް ނުދެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.