ކާތިކް އާރިއަންގެ ފިލްމު "ޗަންދޫ ޗެމްޕިއަން" ގެ ބަތަކާ އަކީ ޝްރަދާ ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފިލްމު އޭނަ އަށް ހުށަހަޅައި އެކަމާ ގުޅޭ ގޮތުން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އާއި ޑައިރެކްޓަރު ކަބީރް ޚާން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި ޝްރަދާއާ އެކީ އެއްކޮށް އެއްބަސްވުމަކަށް އާދެވުމާ އެކީ އެކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ އެވެ.
"ޗަންދޫ ޗެމްޕިއަން" ގެ ބަތަލާ އަކީ ޝްރަދާއަށްވެއްޖެ ނަމަ މި ފިލްމު ވާނީ އޭނަ ކަބީރާއި ކާތިކާ އެކީ ވެސް މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. މިދިޔަ މާޗް މަހު ރިލީޒްކުރި ޝްރަދާ އާއި ރަންބީރް ކަޕޫރްގެ "ތޫ ޖޫޓީ މޭ މައްކާރު" ގައި ކާތިކްގެ ކެމިއޯއެއް ހިމެނެ އެވެ. އަދި އެއިން އޭނަ އާއި ކާތިކްގެ ކެމިސްޓްރީ ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.
"ޗަންދޫ ޗެމްޕިއަން" އަށް ޝްރަދާ ގެންނަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އިރު، މި ފިލްމުގެ ބަތަލާގެ ރޯލަށް ކެޓްރީނާ ކައިފް ނުވަތަ ރަޝްމިކާ މަންދަނާ ގެންނަން އުޅޭކަމުގެ އަޑުތަކެއް ވެސް ކުރިން އަރާފައިވެ އެވެ.
ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން 14 ގަ އެވެ.
ކާމިޔާބު ފިލްމުތައް ކަމަށްވާ "ބަޖްރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ވެސް ގެނެސްދިން ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "83" އެވެ.