މާލެއިން ބަނގުރަލާއެކު ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލެއަށް އެ ކާރު އައުމުން، ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ޕޮލިހުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވާފައިވެއެވެ. ސީގަލް ކަންމަތިން ކާރު ހުއްޓުވައި ކާރުގައި ތިބި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނެފައިވަނީ ކާރު މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސް، އެ މީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް އެއްލައިލާފައިވާ ކަމަށާއި، އެ ކޮތަޅު ބަލައިފާސްކުރި އިރު 24 ދަޅު ބަނގުރާ ފެނިފައިވާކަމަށެވެ.
ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.