Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އިންތިހާބުގައި ވާދަ ނުކުރަން ގޮވީ ނާޖައިޒު ފައިދާ ނަގަން

އިންތިހާބުތަކުގައި ވާދަ ނުކުރަން ގޮވާލަނީ ނާޖައިޒު ފައިދާ ނެގުމަށް ކަމަށް ވިދާޅުވެ އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައިފިއެވެ.

އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑެތި ސިޔާސީ ޕާޓީތަކުން އިންތިހާބުތަކުގައި ވާދަނުކުރަން ގޮވާލަނީ، ނިޒާމު ބަލިކަށިކޮށް ނާޖައިޒު ފައިދާ ނެގުމަށްކަމަށެވެ. އަދި އެގޮތަށް ވާހަކަ ދައްކަނީ ބާރުގައި ތިބެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

"2018 ގެ ކުރީކޮޅު އެމްޑީޕީ ތެރޭގައި ބާރަށް މި ލަވަ ކިޔާ އުޅުނު. އަދި އެ ރާގަށް ނެށި ބަޔަކުވެސް އުޅުނު." ނިޒާރު ވިދާޅުވިއެވެ.

ބޮޑަށް ބެލެވޭ ގޮތުގައި ނިޒާރު ރައްދު ދެއްވާފައިމިވަނީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މީހަކު ޖަލުގައި އޮތުމަކީ އެއްވެސް އިރެއްގައި ރުހުނު ކަމެއް ނޫން ކަމަށާއި ޔާމީނަކީ ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ އިތުރުން ދައުލަތުގެ ވަޒީރުކަމާއި އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަށް ފެންނަ ފެނުމުގައި ރިޔާސީ އިންތިހާބުގައި އެ ދެ ބޭފުޅުންވެސް ކުރިމަތިނުލާ، އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ހޯދައިދޭންވީ ކަމަށެވެ.